އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އީސީއަށް ހާޒިރުވެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެގޮތަށް ހަމަޖައްސަފައި ވަނީ މާދަމާއިން ފެށިގެން ކަމަށެވެ. އާންމު ފަރާތްތަކުން އެ ކޮމިޝަނަށް ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމަވާފައި ވާ އިރު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް އާންމު ފަރާތްތަކަށް އެ ކޮމިޝަނުން ހިދުމަތް ދެމުން ގެންދާނެ ކަމަށް އީސީން ބުނެއެވެ.

އެގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އިންތިހާބާ ބެހޭ މަރުކަޒު ބާ ޖަމާލުއްދީން އިން ކަމަށް އީސީން ބުނެއެވެ. އަދި ހާޒިރުވާ އާންމުންނަށް ހިދުމަތް ދޭ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް އެ ކޮމިޝަންގެ އީ-މެއިލް އަދި އީ-ގަވަމެންޓް (ޖެމްސް) މެދުވެރިކޮށް ވެސް ލިޔެކިޔުން ފޮނުވޭނެ ކަމަށް އީސީން މިއަދު ނެރުނު އިއުލާނުގައި ބުނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ގާތްވެފައި ވާއިރު އިންތިހާބާ ގުޅޭ ކަންކަމުގައި އާންމުން ލިޔެކިޔުން ހުށަހަޅަމުން ދަނީ އޮންލައިން ކޮށެވެ. އެގޮތަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި ކޮވިޑް ބަލިމަޑުކަން ފެތުރެމުން ދާތީއެވެ. ނަމަވެސް މާދަމާއިން ފެށިގެން އާންމުން އީސީއަށް ހާޒިރުވެގެން ލިޔެކިޔުން ހުށަހެޅޭ ގޮތަށް ނިންމި އިރު ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހު 2 ވަނަ ދުވަހުން މިމަހު 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތައްވެސް ފޯމު ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އީސީން ވަނީ އިއުލާން ކޮށްފައެވެ.

މިމަހު 3 ވަނަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓާ ވާން ފޯމު ހުށަހަޅާފައި ވަނީ 110 މީހުންނެވެ. އެއީ ދެވަނަ ދުވަހު ފޯމު ހުށަހެޅި 9 މީހަކާއި 3 ވަނަ ދުވަހު ފޯމު ހުށަހެޅި 101 މީހެކެވެ.