ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ރީރެޖިސްޓާ ވާ ފަރާތްތަކުން ފުރާ ފޯމުތަކުގައި އިނގިލީގެ ނިޝާން ޖަހަން ނުޖެހޭ ގޮތަށް ހަދަން އިލެކްޝަން ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓަށް ހުށަހަޅަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކައުންސިލް އިންތިހާބަށް ޕީޕީއެމްއިން ކަނޑައަޅާފައިވާ ތަރުޖަމާނު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، މީގެ ކުރިން ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް ރީ ރަޖިސްޓްރޭޝަން ފޯމްގައި އިނގިލީގެ ނިޝާން ޖެހި ކަމަށާއި ނަމަވެސް މިފަހަރު އެކަން ކުރަން ނުޖެހޭ ގޮތަށް ހަދަން އުޅެނީ ވަކި ބަޔަަކަށް މަންފާތަކެއް ހޯދައި ދިނުމުގެ ނިޔަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ފަދަ ތަންތަނުގައި މި ފަހަރު ވޯޓު ފޮށިތައް ބަހައްޓަން ނިންމުމަކީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ހަލީލް ފާހަގަ ކުރެއްވިއެވެ. ބޭރުގެ ގިނަ ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓައި ގުރައިދޫ ފަދަ ކުދި ކުދި ތަންތަނުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށާއި މީގެ ކުރިން ގުރައިދޫ މަރުކަޒު ފަދަ ތަންތަނުގައި ވަރަށް މަދުން ނޫނީ ވޯޓު ފޮށި ބަހައްޓައިފައި ނުވާ ކަމަށް ހަލީލް ވިދާޅުވިއެވެ. އަދި އެކަމަށް ރިއާއަތް ކުރައްވަމުން ހަލީލް ވިދާޅުވީ މިކަމުން ފެނިވަޑައިގަންނަވަނީ އަޑި ނޭނގޭ ކަންތައްގަނޑެއް ކުރަން އުޅޭ ކަން ކަމަށާއި އަދި އެއްވެސް މާނައެއް ނެތް ތަންތަނުގައި ވޯޓު ފޮށި ބަހައްޓަން މަސައްކަތް ކުރާ ތަން ކަމަށެވެ.

މީގެ އިތުރުން ހަލީލް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ސަރުކާރުން މި އުޅެނީ އިންތިހާބު ބާއްވަންތޯ ނޫނީ ބޮޑު ހިލުންގަނޑެއް ހިލުވަންތޯ ބުނެދޭން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހު ބާއްވަން ބުނެފައި އޮތް ނަމަވެސް އިންތިހާބް ފަސްކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޕީޕީއެމްއިން މީގެ ކުރިން އެތައް ފަހަރަކު ތުހުމަތުކޮށްފައި ވެއެވެ. ހަލީލް ވިދާޅުވީ އިންތިހާބް ފަސްކުރަން އުޅެނީ އިންތިހާބް ކާމިޔާބު ނުވާނެ ކަން ސަރުކާރަށް އެނގޭތީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޑަމީ އިންތިހާބު / ފޮޓޯ: އީސީ

އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން ސަރުކާރުން ކަން ކުރަން އުޅޭ ގޮތް ހާމަ ކުރުމަށް ހަލީލް ގޮވާލައްވާފައިވާ އިރު، މަޖިލިސް ކޮމިޓީ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ކޮވިޑް ބަލިމަޑުކަމުގައި އިންތިހާބު ބާއްވާނަމަ އިންތިހާބަށް ގިނަ އަދަދަކަށް ހަރަދު ކުރުމުގެ އިތުރުން ގިނަ ވަގުތު ވެސް ހޭދަ ވާނެ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު ކޮވިޑް ބަލިމަޑު ކަމުގައި ރަށްރަށަށް ދަތުރު ނުކުރެވޭތީ، އޮންލައިންކޮށް އޮފިޝަލުން ތަމްރީނު ކުރަން ހަދައިގެން ގޯސްތަކެއް ހެދޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ. އަދި މި ބަލިމަޑުކަމުގައި އިންތިހާބު ބާއްވަން ހަދައިގެން ނާކާމިޔާބު ވާނެ ކަމަށާއި އެކަމާ މެދު އީސީގެ ހުރިހާ މެންބަރުން ވެސް އިއްތިފާގު ވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.