މިއުޒިޝަނުންނާއި ފޮޓޯގްރާފަރުން ހިމެނޭހެން 60 ބިދޭސީން ރާއްޖެއިން ފުރުވާލުމަށް އަންގައިފިއެވެ.

އިމިގްރޭޝަނުން ބުނީ ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެ ވުމަށް ފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ، ރިސޯޓުތަކުން ފޮޓޯގްރާފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުން ދާކަމުގެ ޝަކުވާތައް ކަމަށާއި އެކަމާ ގުޅިގެން އިމިގްރޭޝަނުން އެ މައްސަލަތައް ބަލާ 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް އަންގާފައި ވާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އަދި މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން މިހާރު ފުރުވާލާފައިވާ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

އިމިގްރޭޝަނުން ބުނީ އަދިވެސް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ފޮޓޯގްރަފީ އާއި މިއުޒިކާ ގުޅޭ މަސައްކަތްތައް ކުރުވަމުން ގެންދާ ކަމަށާއި އެ ފަދައިން ވިޔަފާރި ތަކުން އަމަލު ކުރަމުން ދިއުމުން، ދިވެހި ފަންނާނުންނަށް ލިބޭ ފުރުސަތުތައް ގެއްލި، މާލީގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

އެެހެންކަމުން، ބިދޭސީން ރާއްޖެ ގެނެސްގެން އެފަދަ މަސައްކަތް ކުރުވާ ފަރާތްތަކާ މެދު އެ އިދާރާއިން ހަރުކަށި ފިޔަވަޅު އަޅަމުން ދާނެ ކަމަށާއި ދިވެހި ފަންނާނުންގެ ކުރިމަގަށް ނުރަނގަޅު އަސަރު ކުރާނެ ފަދަ އަމަލުތަކުން އެއްކިބާވުމަށާއި، ގަވައިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތް ނުކުރުވުމަށް އިމިގްރޭޝަންއިން ވަނީ އިލްތިމާސް ކޮށްފައެވެ.