މާލެ ސަރަހައްދުން ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހި މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 167 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާން ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 135 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 15 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 17 މީހެކެވެ. އަދި މިއަދު 117 މީހަކު ބަލިން ރަނގަޅުވެފައި ވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 20،447

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު: 17،712

ކޮވިޑް އެކްޓިވް ކޭސް: 2664

ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 180

ކޮވިޑް މަރުގެ ޖުމްލަ އަދަދު: 64

މޮނިޓަރިންގެ ހާލަތުގައި ހުރި ތަންތަން: ގއ. ދެއްވަދޫ ހއ. ބާރަށް، ޏ. ފުވައްމުލައް، ސ. ހުޅުދޫ އަދި މީދޫ

ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު 2 މީހަކު މަރުވެފައި ވާއިރު ޖެނުއަރީ މަހު ވަނީ 4 މީހަކު މަރުވެފައެވެ. އަދި މިދިޔަ މަހު މަރުވި މީހުންގެ އަދަދު 10 އަށް އަރާފައި ވާއިރު މި މަހު މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2 އަށް އަރާފައެވެ. އެހެން ކަމުން މިހާރު ކޮވިޑް ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 64 އެވެ. އެއީ 57 ދިވެހިންނާއި 7 ބިދޭސީންނެވެ.

މި މަހުގެ ފުރަތަމަ މީހާ މަރުވެފައި ވަނީ އިއްޔެއެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.