އަންނަ އެޕްރީލް މަހު 10ގައި ބާއްވަން ހަމަޖެހިފައި ވާ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާން މިހާރު ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާ ނަމަ އަވަހަށް ރީ-ރަޖިސްޓާ ވާން އިލެކްޝަން ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.
އީސީގެ ރައީސް، އަހްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ، ވޯޓުލާތަން ބަދަލު ކުރަން ރީ-ރަޖިސްޓާ ކުރަން އެންމެ ފަހު ވަގުތަށް މަޑު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިފަހަރު އިންތިހާބުގެ ޝެޑިއުލް ވަރަށް ބުރަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ރީ ރަޖިސްޓްރޭޝަނުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހު 2 ވަނަ ދުވަހުން މިމަހު 11 ވަނަ ދުވަހުގެ ނިޔަލަށެވެ. ޝަރީފް ޓްވިޓާގައި ހިއްސާ ކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހު 3 ވަނަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓާ ވާން ފޯމު ހުށަހަޅާފައި ވަނީ އެންމެ 110 މީހެކެވެ. އެއީ ދެވަނަ ދުވަހު ފޯމު ހުށަހެޅި 9 މީހަކާއި 3 ވަނަ ދުވަހު ފޯމު ހުށަހެޅި 101 މީހެކެވެ.
މި މުއްދަތުގައި ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅޭނީ އޭޕްރީލް 4، 2020ގައި ވޯޓުލާން ރަޖިސްޓާ ކުރިތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުން ވާ މީހުންނެވެ. އަދި ރިސޯޓްތަކާއި ޖަލުތަކާއި މެލޭޝިއާގެ ކުއަލަލަންޕޫރު އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ރަޖިސްޓާ ކޮށްފައިވާ މީހުން މި އިންތިހާބުގައި އެ މީހެއްގެ ވޯޓުލާ ތަނުގެ ގޮތުގައި ރަޖިސްޓާ ވެފައި ވާނީ އެމީހެއްގެ ދާއިމީ އެޑްރެސް ހިމެނޭ ތަނުގައެވެ. އެހެންކަމުން، އެތަން ނޫން އެހެން ތަނަކަށް ވޯޓު ލާން ބޭނުން ވާ ނަމަ އެމީހުން ވެސް ރީ-ރަޖިސްޓާ ވާން ޖެހޭނެއެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓާ ވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓުން ބެލޭނެއެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ވެސް ބެލޭނެއެވެ. އެގޮތުން VR ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްލުމަށް ފަހު އައިޑީކާޑު ނަންބަރު ޖަހާ، 1414 އަށް ފޮނުވުމުން ވޯޓުލުމަށް ރަޖިސްޓާ ވެފައި ވާ ތަނުގެ މައުލޫމާތު އެނގޭނެއެވެ.
ރަޖިސްޓާ ވުމަށް އެދި ހުށަހަޅާނީ "ރަށްވެހި ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު" އެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއިންނާއި، ސިޓީތަކުގެ ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީހުންނެވެ. މާލޭ ސިޓީގައި ނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) އިންނެވެ. އަދި މި ފޯމު އީސީ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެއެވެ.
ފޯމު ހުށަހަޅާ އިރު، ފޯމު ހުށަހަޅަން ދާ މީހާގެ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަން ވާނެވެ. ނަމަވެސް، ޖޫން 30، 2021ގެ ނިޔަލަށް އައިޑީ ކާޑުގެ މުއްދަތު އިތުރު ކޮށްފައި ވާތީ، މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ވެސް ގަބޫލު ކުރާނެއެވެ. އަދި ރަޖިސްޓާ ވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރާ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަން ވާނެއެވެ.
މާޗް 2 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ރީ-ރަޖިސްޓްރޭޝަން ފޯމު ބަލައި ގަންނާނެއެވެ. މާލެ ނަމަ، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން ހަވީރު 3:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން ހަވީރު 3:00 އަށް ބަލައިގަންނާނެއެވެ. ހުކުރު ދުވަހު ބަލައި ގަންނާނީ ހަވީރު 3:00 އިން 5:00 އަށެވެ. މާލޭގައި ފޯމު ބަލައި ގަންނާނީ ބާ ޖަމާލުއްދީނުންނެވެ.
މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާ އަދި ސިޓީ ކައުންސިލް އިދާރާ/އަވަށު އޮފީސްތަކުން ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރުފަހު 1:00 އަށް، އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން ހަވީރު 3:00 އަށް ފޯމު ބަލައި ގަންނާނެއެވެ. ހުކުރު ދުވަހު ބަލައި ގަންނާނީ ހަވީރު 3:00 އިން 5:00 އަށެވެ.
އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށަހެޅޭނީ 10 ފޯމެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއަސަސާއަކުން ޒިންމާވާ ގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށަހެޅޭނީ، އެތަނެއްގެ ތައްގަނޑު ފޯމުގައި ޖަހާފައިވާ 100 ފޯމެވެ. ފޯމު ބަލައިގަންނާނީ ފޯމު ހިފައިގެން ދިއުމުންނެވެ. ނަމަވެސް އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަން ފޯމު ބަލައި ގަނެވޭނެ ގޮތް ހެދުމަށް އީސީން ވަނީ ސުޕްރީމް ކޯޓަށް ދާން ތައްޔާރު ވެފައެވެ.