ގެދޮރު އަޅަން 175 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ތައްޔާރު ވަމުން ދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕޭން ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވީ މިއަހަރުގެ ދެވަނަ ކުއާޓާގައި ހައުސިން ލޯނު ދޫކުރުމަށް ތައްޔާރު ވަމުން ދާ ކަމަށެވެ.
އެކަމަށް ހައުސިން ފަންޑެއް ހަމަޖައްސާފައިވާ ކަމަށާ އެ ފަންޑްގެ އަދަދަކީ 175 މިލިއަން ރުފިޔާ ކަމަށާއި އެ ލޯނު ހާއްސަ ކޮށްފައި ވަނީ އަތޮޅުތެރޭގައި އަމިއްލަ ބިން ބިމުގައި ގޯތި އިމާރާތް ކުރުމާއި އިމާރާތް ކޮށްފައިވާ ގެއަކަށް ބައެއް އިތުރު ކުރުން ފަދަ މަސައްކަތް ތަކަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހި ކަމަށް ހާއްސަ ކޮށްފައި ވާ 1.5 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ދާނެ ކަމަށާއި އެ ޕްރޮގްރާމްގެ ވިސްނުމަކީ އަތޮޅު ތެރޭގައި ހައުސިން ޔުނިޓްތައް އެޅުން ކަމަށެވެ. އެގޮތުން ރޯ ހައުސްތަކާއި، ފްލެޓްތައް އަޅަން ޖެހޭ ރަށްތަކާއި، މިންވަރު ފާހަގަ ކޮށް ޓެންޑާ ޑޮކިއުމެންޓްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.