ކޮވިޑް-19 އާ ގުޅިގެން ހެދި ފެސިލިޓީތަކަށް އޮކްސިޖަން ސިލިންޑަރުތައް މޯލްޑިވް ގޭހުން ގެނައި މައްސަލާގައި ހާލަތަށް ރިއާޔަތް ކުރަން އެދިއްޖެއެވެ.

އިއްޔެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ބޭއްވި ބައްދަލުވުމުގައި ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމް ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ވެފައި ކޮވިޑް19ގެ ހާލަތުގައި ފުރާނައަަށް އަހައްމިއްޔަތުކަން ދީގެން މަސައްކަތް ކުރުމަކީ އެންމެ ބޮޑަށް ކުރަންޖެހޭ އެއް މަސައްކަތް ކަމަށެވެ.

ކޮވިޑްގެ ހާލަތު ހަނދާން ނައްތާނުލުމަށާއި އޭގެ ސަބަބުން ޕްރޮކިއުމަންޓްގައި އޮންނަ ސީދާ އުސޫލުގެ ތެރެއިން ސިލިންޑަރުތައް ނުގެނެވިދާނެކަން ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގޭސް ސިލިންޑަރުގެ ވާހަކައަށް ބަލާލާއިރު ރިޕޯޓުން އެބަ އެނގޭ މީގެ އާޖެންޓްކަން. އަވަހަށް ގެންނަން މުހިންމުވެފަ އޮތް ވަރު ގިނަ ޕޭޖްތަކުގައި އެބަ އޮތް ލިޔެފަ. ދެން ބާ ސިލިންޑަރު ފޮނުވި ބޭފުޅުން އެބަ ވިދާޅުވޭ މީގެ ވޭލްތައް ބަދަލުކޮށްފަ އޭގެ ގެރެންޓީ ވެސް ދީފަ އެބައޮތް މެއިލްތަކުގަ އެބައޮތް. މިތަނަށް އައިސް އަޅުގަނޑަކަށް ނޭނގެ ޓެސްޓު ކުރުމުގެ ކަންތައް އޮންނަ ގޮތެއް.އެހެންވީމާ އެއަށްވެސް ރިއާޔަތް ކުރަން ޖެހޭނެއޭ.
ގާސިމް

މީގެ އިތުރުން އޭނާ ވިދާޅުވީ ގޯސްކޮށް ކަމެއް ކޮށްފަ ވާނަމަ އެކަން ބަލަން ޖެހޭނެ ކަމަށާއި ނަމަވެސް އަދިވެސް ބޭނުންވަނީ އެ ރިޕޯޓް ސްޓަޑީކޮށް އޭގައި މައްސަލައެއް އުޅޭނަމަ ފިޔަވަޅު އަަޅަން ކަމަށް އޭނާ ވިދާޅުވިއެވެ.

16 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން އެކުލެވޭ އެ މައްސަލައިގެ ތުހުމަތުތަކާ ގުޅިގެން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީ ސަސްޕެންޑް ކޮށްފައި ހުރި އިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެހެން މައްސަލައެއްވެސް ރައްޔިތުންގެ މަޖިލީހިގެ އެސްއޯއީ ކޮމެޓީ އިން ވަނީ ބަލަން ފަށައިފައެވެ. އެއީ އެކުންފުނީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެކެވެ.