މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) ގެ ހުސްވެފައިވާ މަގާމަށް މީހަކު އައްޔަން ކުރަން މަޖިލީހުގެ ކޮމިޓީން ނިންމި ރިޕޯޓުގެ ވޯޓަަށް އެހި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އުވާލަން ފެނިވަޑައިގަންވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ބްރޮޑްކޮމް އަށް މީހަކު އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތައް ދިރާސާކޮށް، ނިމުނު ގޮތުގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުގެ ކުރިން، އެ ރިޕޯޓުގެ ބަހުސްގައި މިނިވަން މުއައްްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ހުސައިން ވިދާޅުވީ، ރިޕޯޓަށް ވޯޓަށް އަހާ ގޮތާ މެދުގައި އޭނާ ރުހިވަޑައި ނުގަންނަވާ ކަމަށާއި ވޯޓަށް އަހަނީ ކޮމިޓީން ރިކޮމެންޑް ކުރިގޮތަށް ނޫން ކަމަށެވެ.

ކޮމިޓީން އެމީހުންނާ އިންޓަވިއު ކުރުމަށް އެތައް ވަގުތެއް ހޭދަކޮށްގެން ރިޕޯޓް އެކުލަވާލައިގެން ގެންދިއުމުން އެއިން ނަމެއް "ކަޓުވާލަންޏާ" ކޮމިޓީ އުވާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮމިޓީގެ ނިންމުން ބަލައި ނުގަނެވޭ ކަމަށް ވާނަމަ އެންމެ އާއިލާ ބޮޑު މީހާ ގެނެސް ތަން ތަނަށް ލާ ގޮތަށް ގަވައިދު ބަދަލުކޮށްލަން ފެންނަ ކަމަށް ވެސް މެންބަރު ހުސައިން ވިދާޅުވިއެވެ.

"އެހެންވީމާ މިއަދު އޮތް ވޯޓުގައި އަޅުގަނޑުގެ ހިތްހަމަނުޖެހުން އޮތީތީ އެކަން ފާހަގަކޮށްލީ. އަޅުގަނޑުމެންގެ ކޮމިޓީން އަޅުގަނޑުމެން ރިކޮމެންޑް ކުރި ގޮތަކަށް ނޫން ތަޅުމަށް ވޯޓަށް އެހިގެން ދާނީ،"
އަނދުން ހުސައިން

ބްރޯޑްކޮމް ގެ ހުސްވެފައިވާ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ 10 ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާ ކުރުމަށް ފަހު ހޮވާފައި ވަނީ ދެ ނަމެކެވެ. އެއީ ރާއްޖެ ޓީވީގެ ނޫސްވެރިއާ މުހައްމަދު ފަޒީންގެ އިތުރުން ވީޓީވީގެ ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަމެވެ.

ޝިފްޒާ މުސްތަފާ

ކޮމިޓީ މަރުހަލާގައި އިންޓަވި އުކޮށްގެން ފަޒީންއަށް ވަނީ 8 މެންބަރުންގެ ރުހުން ލިބިފައެވެ. އަދި ޝިފްޒާއަށް ވަނީ ކޮމިޓީގައި ތިއްބެވި 10 މެންބަަރުންގެ ރުހުން ލިބިފައެވެ. އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ޝިފްޒާ އަކީ 14 އަހަރު ދުވަހު ނޫސްވެރިކަމުގެ ތަަޖުރިބާ ހުރި ފަރާތެކެވެ. އަދި އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމާއި ޔޫތް ކައުންސިލް މެންބަރު ކަން ވެސް ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ރެހެންދި އެވޯޑް އަދި ނޫސްވެރިކަމުގެ އެވޯޑް ވެސް ހާސިލް ކޮށްފައެވެ.

މުހައްމަދު ފަޒީން ބްރޮޑްކޮމްއާ ދެކޮޅު އިހުތިޖާޖެއްގައި

މިއަދު ބްރޮޑްކޮމަށް ލާން ފާސްކުރި ފަޒީން އަކީ އެމްޑީޕީ މެންބަރެއްގެ އިތުރުން ނޫސްވެރިކަަމުގެ ދާއިރާގައި 8 އަހަރުގެ ތަަޖުރިބާާ ލިބިފައިވާ މީހެކެވެ. އަދި އޭނާ އަކީ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިންގެ ދާއިރާއަށް ނިސްބަތްވާ އަދި ރައްޔިތުންގެ މަޖިލީހަށް ކެންޑިޑޭޓަކު ނެރެން އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ވާދަވެސް ކުރި މީހެކެވެ.

މިނިވަން މުއަައްސަސާތަކާ ބެހޭ ކޮމިޓީން ރައީސް ފޮނުއްވާ ނަންތައް ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާއިރު ރައީސް ނަން ފޮނުއްްވި ތަރުތީބަށް ނަން ހުށަހަޅާފައި އޮންނާތީ މަޖިލީހުން ރުހުން ދޭ މީހުން ނުހޮވޭ މައްސަލަ މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އެހެންވެ ކޮމިޓީން ފަހުން އަމަލުކުރަމުން އައި ގޮތަކީ ކޮމިޓީން އިސްކަންދޭ ތަރުތީބު ރަނގަޅަށް އެނގޭނެހެން "ހައިލީ ރިކޮމެންޑެޑް" އަދި "ރިކޮމެންޑެޑް" ޖަހާފައި ރިޕޯޓުގައި ފާހަގަ ކުރުމެވެ.

މިފަހަރު އެގޮތަށް ކަންތައް ނުކޮށް، ރައީސް ފޮނުވި ލިސްޓާ އެއްގޮތަށް ރިޕޯޓުގައި ނަން ތަރުތީބު ކޮށް މަަޖިލީހުގެ ތަަޅުމަށް ލިސްޓު ފޮނުވުމުން އެންމެ ފުރަތަމަ ވޯޓަށް އަހާފައި ވަނީ ފަޒީން އަށެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް ފަޒީން އައްޔަން ކުރަން ފާސްވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.