ރާއްޖެއާއި ލަންކާގެ އިތުރުން އިންޑިއާ ގުޅިގެން، މެރިޓައިން ސެކިއުރިޓީ (ކަނޑުގެ ސަލާމަތާ ރައްކާތެރިކަން) އާ ގުޅޭ މަސައްކަތްތައް ކުރާނެ އިދާރީ އޮފީހެއް ގާއިމު ކޮށްފިއެވެ.

މި އޮފީސް ގާއިމު ކުރީ 3 ގައުމު ގުޅިގެން މި ހިނގާ މާޗު މަހުގެ 1 ވަނަ ދުވަހު ސްރީލަންކާގެ ނޭވީ ހެޑްކްއާޓަރުގައެވެ.

މި އޮފީސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ލަންކާގެ ނެޝަނަލް ސެކިއުރިޓީ އަދި ޑިޒާސްޓާ މެނޭޖުމަންޓުގެ ސެކްރެޓަރީ ރިޓަޔާޑް ޖެގެރަލް ކަމާލް ގުނަރަތުނަޔާއި ލަންކާގެ ފޮރިން ސެކްރެޓަރީ އެޑްމިރަލް ރިޓަޔާޑް ޕްރޮފެސާ ޖަޔަނަތު ކޮލަމްބަގެ އާއި ނޭވީ ކޮމާންޑާ ވައިސް އެޑްމިރަލް ނިޝާންތާ ލުގެޓެންނޭ އާއި އިންޑިއާގެ ޑިފެންސް އެޓާޗޭ އާއި ރާއްޖޭގެ ފަރާތުން ކާނަލް އިސްމާއިލް ނަސީރު ބައިވެރިވެވަޑައިގަތެވެ. ކާނަލް ނަސީރަކީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ގޮތުން 3 ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެޑްވައިޒަރުންގެ އިދާރީ އޮފީހަކީ 24 ގަޑިއިރު ހުޅުވާފައި ހުންނަ އޮފީހެކެވެ. އިންޑިއާ ކަނޑަކީ މުޅި ދުނިޔެއާ ގުޅިފައިވާ ދަތުރުފަތުރުގެ މުހިންމު މަގަކަށް ވާއިރު މި އޮފީހުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް ލަންކާގެ ފޮރިން ސެކްރެޓަރި ވަނީ ވިދާޅުވެފައެވެ.

ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު މެރިޓައިން ސެކިއުރިޓީއާ ގުޅޭ ބައްދަލުވުމެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލަންކާގައި ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައިވެރިވެވަޑައިގަތެވެ. އެ ބައްދަލުވުމުގައި ރާއްޖެއާއި، ލަންކާއާއި އިންޑިއާގެ އިތުރުން އޮބަޒާވަރުންގެ ގޮތުގައި ބަންގްލަދޭޝް އާއި ސީޝެލްސްގެ އިތުރުން މޮރިޝަސް ވެސް ބައިވެރިވިއެވެ.