އިންޑިއާގައި އުފައްދާ ކަފަ، އިންޑިއާ މަގުން ޕާކިސްތާނަށް އެތެރެކޮށް، ވިޔަފާރި ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ހިންގައިގަތުން އެކަށީގެންވާ ކަމުގެ އިޝާރާތެއް، ޕާކިސްތާނުން ކޮށްފިއެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ އިޝާރާތެއް ޕާކިސްތާނުން ދީފައި މިވަނީ، ދެ ގައުމު ހިއްސާ ކުރާ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ސަރަހައްދުގައި، ހަމަލާ ބަދަލު ކުރުން މަނާ ކުރާ އެއްބަސްވުމެއް، ސީރިއަސް ކަމާއެކު ތަންފީޒު ކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ވިޔަފާރިއާ ބެހޭ ވުޒާރާގެ މަސްދަރުތަކަކާ ހަވާލާދީ، އެކެސްޕްރެސް ޓްރިބިއުންގައި އާންމުކޮށްފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ވިޔަފާރީގެ ކަންކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއަށް ލަފާ އަރުވާ މުޝީރު، ޢަބްދުއްރައްޒާޤު ދާވޫދު، އިންޑިއާ-ޕާކިސްތާނު ކަފަ ވިޔަފާރީގެ ގުޅުމާ ބެހޭ ގޮތުން، އަންނަ ހަފުތާގައި ގޮތެއް ނިންމަވާނެއެވެ.

މި ދަނޑިވަޅަކީ، ޕާކިސްތާނަށް ކަފައިގެ ސަޕްލައި ދަށްވުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެކެވެ. އަދި އިމްރާން ހާންގެ ސަމާލުކަމަށްވެސް މިކަން ގެނެސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ޕާކިސްތާނުގެ ވިޔަފާރިއާ ބެހޭ ވަޒީރަކީވެސް ޚުދު، އިމްރާންއެވެ.

މިކަމުގައި ގޮތެއް ނިންމުމުން، ވަޒީރުންގެ މަޖިލީހުގެ އިގުތިސޯދީ ގުޅުމާ ބެހޭ ކޮމިޓީއަށް މިކަން ހުށަހެޅުމަށް ހަމަޖެހިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން ކަފަ ގަތުމަށް ޕާކިސްތާނުގެ ސަރުކާރުން އެއްބަސްވުމަކަށް އަތުވެއްޖެ ނަމަ، ޕާކިސްތާނުން ކުރަންޖެހޭ ހަރަދު، އެތައް ގުނައެއް ކުޑަވެގެންދާނެއެވެ. އަދި ކާބޯތަކެތި ސަޕްލައި، ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރު ކުރެވޭނެއެވެ.