މީގެ ކުރިން ފެނިފައި ނުވާ ޒާތުގެ ގޯލްޑަން ގްލޯބްސް އެވޯޑް ހަފުލާއަކާ އެކު، ހޮލީވުޑް ފިލްމީ ސިނާއަތުގެ މިއަހަރުގެ އެވޯޑް ސީޒަން ފަށައިފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި އެކަހެރި މަންޒިލްތަކުން ތަރިން ބައިވެރިވި ގޯލްޑަން ގްލޯބްސް ހަފުލާގައި ޓެކްނިކަލް މައްސަލަތައް ތަކުރާރު ވަމުން ދިޔައިރު، ބައެއް ތަރިން ވަނީ އެވޯޑް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރޭގައި ޑައިވާސިޓީގެ މައްސަލަ އޮތްކަންވެސް ފާހަގަ ކޮށްފައެވެ.

މިއަހަރުގެ އެވޯޑްތަކަށް ބަލާއިރު، އެންމެ ކާމިޔާބު އެއް އުފެއްދުމަކީ އިނގިރޭސި ޝާހީ އާއިލާގެ ވާހަކަތައް ސިފަކޮށްދޭ "ދަ ކްރައުން"އެވެ. "ދަ ކްރައުން" އިން ގެންދިޔަ އެވޯޑްތަކުގެ ތެރޭގައި ބެސްޓް ސީރީޒް، ބެސްޓް އެކްޓާ، އަދި ބެސްޓް އެކްޓްރެސް އެވޯޑް ހިމެނެއެވެ.

މީހަކު މަރުވިފަހުން އެމީހަކަށް ގޯލްޑަން ގްލޯބްސް ޓައިޓަލް އެވޯޑް ކުރި ކަޅު ނަސްލުގެ ފުރަތަމަ ތަރިއަކަށްވީ، އުމުރުން 43 އަހަރުގައި، ކެންސަރު ބަލީގައި މަރުވި ޒުވާން ބަތޮލް، ޗެޑްވިކް ބޯޒްމަންއެވެ.

ނިއުޔޯކްއާއި ކެލިފޯނިއާގައި އެއް ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ސެޓްތަކުން ބްރޯޑްކާސްޓް ކުރި މިއަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑް ހަފުލާގައި، ސީދާ ގޮތުން ބައިވެރިވީ، ކޮންމެހެން ސެޓްގައި މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނާއި، ބައެއް ޕްރެޒެންޓަރުންނެވެ.