ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖޯންސަން އެންޑް ޖޯންސަން ކުންފުނި ތަރައްގީ ކުރި 1 ޑޯޒްގެ ވެކްސިނަށް ރުހުން ދިނުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ރުހުން ދީފިއެވެ.

ކޮވިޑް-19އާ ދެކޮޅަށް ކާމިޔާބު ވެކްސިނެއްގެ ގޮތުގައި ރިއާޔަތް ކުރާ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ، މިހާރު ހަލުވިކަމާއެކު ދައުރުވަމުން އަންނަ ވޭރިއަންޓްތަކާ ދެކޮޅަށްވެސް މި ވެކްސިނުން ދިފާއު ލިއްބައިދޭ ކަމަށް ހަބަރު ލިބެއެވެ.

ކޮވިޑް-19އާ ދެކޮޅަށް އެމެރިކާއިން 3 ވަނަ ވެކްސިނަކަށް ރުހުން ދިން ކަން އިއުލާން ކުރައްވަމުން، އެ ގައުމުގެ ރައީސް ޖޯ ބައިޑަން ވަނީ އިންޒާރުގެ މެސެޖެއްވެސް ދެއްވާފައެވެ.

3 ވަނަ ވެކްސިނަކަށް ރުހުން ލިބުމަކީ ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް ލިބުނު އާ އުއްމީދެއް ކަމަށް ވިދާޅުވެ، ވާހަކަފުޅުދައްކަވަމުން ބައިޑަން ވަނީ ބަލިމަޑުކަމަށް ނިމުން އައި ކަމަށް ހީކޮށްގެން ނުވާނެ ކަމަށް އިންޒާރު ކުރައްވާފައެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފޮޓޯ: އެލްއޭޓީ

އެންމެ ޑޯޒްއެއްގެ މައްޗަށް އެކުލެވޭ ގޮތަށް، ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިނަކީ ރައްކާތެރި، އަދި ވައިރަހާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް ކަމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވަނީ ކަނޑައަޅާފައެވެ.

މިއީ ފްރީޒަރެއްގެ ބަދަލުގައި އާދައިގެ ފްރިޖެއްގައިވެސް ރައްކާ ކުރެވޭ ވެކްސިނެއް ކަމުން، ފައިޒާއާއި މޮޑާނާގެ ކޮވިޑް ވެކްސިނާ އަޅާ ބަލާއިރު، މިއީ އެތައް ތަނެއް ހަރަދު ކުޑަ ކުރެވޭނެ ވެކްސިނެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިނާ ގުޅޭ ދިރާސާތަކުގެ ތަފާސް ހިސާބުތައް އާންމު ކުރީ މިދިޔަ މަހުއެވެ. ފާމަސޫޓިކަލް ވިޔަފާރީގެ އެންމެ ކުރީގައި ގުނާލެވޭ މި ކުންފުނިން ބެލްޖިއަމްގައި އޮޕަރޭޓް ކުރާ "ޖާންސެން" އިންވެސް ބުނެފައި ވަނީ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ކާމިޔާބު، އަދި ރައްކާތެރި ވެކްސިނެއް ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ، ކޮވިޑް-19 ޖެހިގެން ބާލި ހާލު ސީރިއަސް ވުމުގެ ނުރައްކާ، 85 ޕަސެންޓަށް ކުޑަކޮށް ދޭ ވެކްސިނެކެވެ. އަދި ޖުމުލަ ދިފާއީ ރޭޓް އުޅެނީ 66 ޕަސެންޓްގައި ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ވެކްސިން ޑޯޒް ޖެހިތާ 28 ދުވަސް ފާއިތުވުމަށް ފަހު ނެގި މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލި ތަފާސް ހިސާބުތަކެކެވެ.