މިއަދު ރާއްޖެއިން 118 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ މި މަހު ރިޕޯޓު ކުރި ކޭސްތަކުގެ އަދަދު 3623 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ އަކު އިއުލާން ކުރި ކޮވިޑް ކޭސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 92 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 5 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 16 މީހަކާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ 5 މީހެކެވެ. އަދި މިއަދު 130 މީހަކު ބަލިން ރަނގަޅުވެފައި ވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 19،597

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު: 17132

ކޮވިޑް އެކްޓިވް ކޭސް: 2397

ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 170

ކޮވިޑް ބަލީގައި މަރުވި މީހުންގެ ރެކޯޑްތަކަށް ބަލާއިރު މިދިޔަ މަހު 5 މީހަކު ކޮވިޑް ބަލީގައި ވަނީ މަރުވެފައެވެ. އަދި މި މަހު 10 މީހަކު މި ބަލީގައި މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 61 އަށް އަރާފައެވެ. އެއީ 54 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ.

މިހާތަނަށް ކޮވިޑް ބަލީގައި މަރުވި 61 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 3623 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.