އިދިކޮޅު ޕީޕީއެމް އިން އިއްޔެ ކުރި މުޒަހަރާއިން ހައްޔަރު ކުރި 30 މީހުންގެ ތެރެއިން މީހުންގެ ތެރެއިން 27 މީހަކު ޖޫރިމަނާ ކޮށް ބާކީ ތިބި މީހުންނާއެކު 30 މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، އިއްޔެ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހާރާގައި 30 މީހަކު ހައްޔަރު ކުރި ކަމަށެވެ. އެ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފައި ކަމަށާއި އޭގެތެރެއިން 27 މީހުން ޖޫރިމަނާ ކުރީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން ކަމަށެވެ.

ފުލުހުން ބުނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާއި އަންގާފައި ވާ އެންގުމާ ހިލާފްވުމުގެ ސަބަބުން އެމީހުން ވަނީ 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައި ކަމަށެވެ. އެއީ އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު އަމަލުކުރާ އުސޫލުގައި އޮންނަ ގޮތެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިއްޔެ ހަވީރު "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ މުޒާހާރާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް އަދި މެންބަރު މުހައްމަދު ޝާހިދު ފަދަ ބޭފުޅުން ހިމެނެއެވެ.

އެ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުތް އިރު، އިދިކޮޅުން ދަނީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. ނަމަވެސް ފުލުހުންނާއި ސަރުކާރުން ވެސް ވަނީ މިހާލަތުގައި އެއްވުންތައް ބޭއްވުމަށް ޖާގަ ނުދޭނެ ކަމުގެ އިންޒާރު ކުރިއާލާ ދީފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރި ކުރުމަށް، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އަންގާފައެވެ.