މުޅި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމަށް ވުމުގެ ސިޔާސަތުތަކެއް ތަންފީޒު ކުރަމުން އަންނަ ޗައިނާގެ ބޭންކުތަކުން 2.2 ބިލިއަން ޑޮލަރުގެ ލޯނު ކަށަވަރުކޮށް، ގައުމަށް އިތުރު ފައިސާ "އިންޖެކްޓް" ކުރުމަށް ސްރީލަންކާއިން މިސްރާބު ޖަހައިފިއެވެ.

ސްރީލަންކާގެ މަނީ އެންޑް ކެޕިޓަލް މާކެޓްސް މިނިސްޓަރު، ނިވާދު ކަބްރާލް ވިދާޅުވީ، ޗައިނާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް، 1.5 ބިލިއަން ޑޮލަރުގެ ކަރަންސީ ސުވަޕް ނުވަތަ ފައިސާ މާރުކުރުމުގެ އެއްބަސްވުމެއް ކަށަވަރު ކުރެވޭނެ ކަމުގެ ބޮޑު އުއްމީދެއް ސަރުކާރަށް އެބަ އޮތް ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކަބްރާލް ވިދާޅުވީ، ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި އެއްބަސްވުމުގެ ކަންކަން ފުރިހަމަ ކުރެވޭނެ ކަމަށެވެ. މި ފައިސާ އަކީ، ބޭރު ފައިސާއަށް ސްރީލަންކާގެ ސަރުކާރަށް ޖެހިފައިވާ މުހުތާދުތައް ފުއްދުމަށް ބޭނުން ކުރާނެ ފައިސާ ކަމަށްވެސް ކަބްރާލް ވަނީ ވިދާޅުވެފައެވެ.

ރަސްމީ ރެކޯޑްތަކަށް ބަލާއިރު، ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ވަނީ މިއަހަރުގެ ޖެނުއަރީ މަސް ނިމުނު އިރު، 4.8 ބިލިއަން ޑޮލަރަށް ދަށަށް ގޮސްފައެވެ. މިއީ ސެޕްޓެންބަރު 2009 ގެ ފަހުން، މިއަދަދު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ސެޕްޓެންބަރު 2009 ގައި މިއަދަދު ވަނީ 4.2 ބިލިއަން ޑޮލަރަށް ދަށަށް ގޮސްފައެވެ.

ސްރީލަންކާގެ އޮފިޝަލުން ވިދާޅުވީ، ޗައިނާ ޑިވަލޮޕްމަންޓް ބޭންކުން 700 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށްވެސް މަޝްވަރާ ކުރަމުން ދާ ކަމަށެވެ.

ކްރެޑިޓް އޭޖެންސީތަކުން ސްރީލަންކާ ޑައުންގްރޭޑް ކުރަމުންދާ ދިއުމަށް އެގަމުން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ކަބްރާލް ވަނީ، ސްރީލަންކާ އިން ނަގަމުންދާ ދަރަނިތައް ދައްކާ ހަލާސް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން