ކޮރޯނާވައިރަސް ޑިޒީޒް ކޮވިޑް-19 އިން ދިފާއުވުމަށް އަޅާ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާއެކު "ޓޯކިޔޯ 2020 އޮލިމްޕިކްސް ޓޯޗް ރިލޭ"، މާޗް 25 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފިއެވެ.
"ޓޯކިޔޯ 2020 އޮލިމްޕިކްސް" އަކީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު ޖަޕާނުގައި ކުރިއަށް ގެންދަން ތާވަލު ކުރި މުބާރާތެއް ނަމަވެސް، މި އަހަރަށް މުބާރާތް ފަސްކުރީ މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ބަލިމަޑު ކަމާއެކުގައެވެ.
ކަމާ ބެހޭ އޮފިޝަލުން ވިދާޅުވީ އޮލިމްޕިކްސް ދަންމަރު ރިލޭ ފަށާނީ ޖަޕާނުގެ ފުކުޝީމާ ޕްރީފެކްޗާއިން ކަމަށެވެ. 2011 ވަނަ އަހަރުގެ ޓޮހޫކޫ ބިންހެލުމުގައި ގެއްލުންވި ސަރަހައްދުތަކުގެ ތެރެއިން ރިލޭ ކުރިއަށް ގެން ދިއުމަށް ހަމަޖެހިފައިވާއިރު، ޖަޕާނުގެ ހުރިހާ ހިސާބަކަށް އޮލިމްޕިކްސް ދަންމަރު ގެންދާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
އޮފިޝަލުން ވަނީ، ރިލޭ ބަލަން މަގުތަކަށް ނިކުންނަ މީހުންވެސް މާސްކު އެޅުމަށާއި، އެނޫންވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ގޮވާލާފައެވެ. މި ރިލޭގެ މަންޒަރުތައް ލައިވްސްޓްރީމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދަންމަރު ހިފައިގެން ދުވާ ޓީމުގެ މެންބަރުންނަކީ، ގަވައިދުން ހެލްތު ޗެކަޕް ހަދަމުން ދާނެ މީހުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ނުރައްކަލަކަށް ހުށަހެޅިދާނެ ހުރިހާ ކަމަކުން އެކަހެރި ކޮށް، 2 ހަފުތާއެއްހާ ދުވަސް ހޭދަ ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.