ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށިތާ 3 ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ބަލިމަޑުކަމުގެ އަޅުވެތިކަމުގައި އަހަރެއްހާ ދުވަސް ހޭދަ ކުރުމަށްފަހު ވެކްސިން ލިބުމުން، އެޔަށް އޮތީ ބޮޑު ތަރުހީބެކެވެ. ނަމަވެސް މި ވޭތުވެދިޔަ ހަފްތާ ތެރޭގައި ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. ވެކްސިން ޖަހަން ދާނެ ބަޔަކު ނުވެ، އެ ވާހަކަ ކޮންމެ ދުވަހަކު ހެން ނޫހުގައި ޖަހަން ޖެހުމެވެ.

ވެކްސިން ޖަހާ ސެންޓަރުތައް ހުސްކޮށް އޮއްވާ ނަގަފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ ޒުވާނުންގެ ކެޓަގަރީއަށް ވެކްސިން ހުޅުވާލުމާއެކުއެވެ. މިވީގޮތް ސާފު ކުރަން ބަލާލާއިރު، އެކި މީހުން ދެއްކީ އެކި އުޒުރެވެ.

އެންމެ ގިނަ ބަޔަކު ފާހަގަ ކުރާ ކަމަކީ ވެކްސިން ޖަހަން ހުޅުވާލާ ގަޑިއާއި އޮފީސް ގަޑިއާ ފުށުއެރުމެވެ. ވެކްސިން ޖަހަން ހުޅުވާލަނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށެވެ. އެއީ ގިނަ ބަޔަކު އޮފީހުގައި އަވަދިނެތި އުޅޭ ގަޑިއެވެ. މެންދުރު ކާ ގަޑިއަށް ލިބޭ ބްރޭކުގައި ވެކްސިން ޖެހުން މިވަނީ އެމީހުންނަށް ދަތި ކަމަކަށް ވެފައެވެ. ގިނަ ބަޔަކީ ލިބޭ ބްރޭކުގައި އާއިލާގެ ކޮންމެވެސް ކަމެއް ކުރަން ނުވަތަ ސްކޫލު ދޮށަށް ކުދިން ބަލާ، އެކަހަލަ ކޮންމެ ވެސް ޒިންމާއެއްގައި އަވަދިނެތި އުޅޭ ބައެކެވެ.

މުޖުތަމައުގައި ގިނަ ޒުވާނުންނަކީ މިފަދަ ޒިންމާތަކާ ހެދި އުޅޭ ޒިންމާ ދާރު ބައެކެވެ. އެމީހުންނަށް ވެކްސިން ޖަހަން ދާން ވަގުތު ނުވަނީއެވެ. އޮފީސް ގަޑީގައި ދާން ބޭނުމަސް ދެވެން ނޯންނަނީއެވެ. އޮފީސް ނިމޭ ގަޑިއަށް ވެކްސިން ގަޑިވެސް ނިމެނީއެވެ.

ދެން އޮތް ކަމަކީ އޮފީސް ނުވަތަ މަސައްކަތް ކުރާ ތަނުގެ ޕްރެޝަރެވެ. ބުރާސްފަތި ދުވަހު ނޫނީ ވެކްސިން ޖަހަން ދާން ކަމަކު ނުދަނީއެވެ. ހަފްތާގެ ކޮންމެ ދުވަހަކު ދާން ބޭނުމަސް، ބުރާސްފަތި ދުވަހު ދިއުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރުވާ އޮފީސްތައް ވެސް އެބަ ހުއްޓެވެ. ސަބަބަކީ، ވެކްސިންގެ ސަބަބުން އަންނަ ސައިޑް އިފެކްޓްތަކުގެ ސަބަބުން މުވައްޒަފަށް އިތުރު ޗުއްޓީއެއް ދޭން ބޭނުން ނުވުމެވެ.

ކޮވިޑް ވެކްސިން ޖެހުމުގެ ސަބަބުން ހުން އައިސް، ގައިގަ ރިއްސާ، ވެކްސިން ޖަހާތަން ދުޅަވުން ފަދަ ސައިޑް އިފެކްޓްތައް ދެތިން ދުވަހަށް ހުރެދާނެއެވެ. މިކަމުގެ ސަބަބުން އޮފީސްތަކުގެ މެނޭޖްމަންޓުން، އެ އޮފީސްތަކުގެ މުވައްޒަފުން ވެކްސިން ޖަހަން ފޮނުވާކަށް ބޭނުމެއް ނުވެއެވެ. ބުރާސްފަތި ދުވަހު ގޮސް ވެކްސިން ޖަހަން އެންގުމުން، އޭރުން ސައިޑް އިފެކްޓްސްތަކަށް އިތުރު ޗުއްޓީއެއް ނުދީ ސަލާމަތް ވެވޭނެއެވެ. އަދި އާދިއްތަ ދުވަހު މުވައްޒަފު ވަޒީފާއަށް ނިކުންނާނެއެވެ.

ކޮވިޑް ވެކްސިން ޖަހަން ސޯޝަލް ސެންޓަރަށް ގޮސް ތިބި މީހުން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ކޮންމެ އޮފީހަކުން މިހެން މިކަން ކުރަން ވެއްޖެ ނަމަ ބުރާސްފަތި ދުވަހަކީ އެންމެ ކިއު ބޮޑު ދުވަހަށް ވެގެން ދާނެއެވެ. ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިއަސް ބައްޔަށް ހުށަހެޅި، ބަލި ޖެހޭ މީހުން އެބަ ތިއްބެވެ. އެހެންކަމުން ބުރާސްފަތި ދުވަހު ވެކްސިން ސެންޓަރުތަކަށް ދާ މީހުންގެ ތެރޭގައި ބޮޑު ކްލަސްޓާއެއް އުފެދުމަށްވުރެ ހެވީ ހަފްތާގެ ކޮންމެ ދުވަހަކަށް ބަހާލައި، މީހުން ދިއުން ނޫންތޯއެވެ؟ ވެކްސިން ޖަހައިގެން މުވައްޒަފު މަސައްކަތަށް ހާޒިރު ނުވާނީ ދެތިން ދުވަހެވެ. ނަމަވެސް ކޮވިޑް ޖެހިއްޖެ ނަމަ އެ މުވައްޒަފު ދެ ހަފްތާ ވަންދެން މަސައްކަތަށް ނުނިކުމެ ހުންނަން ޖެހޭނެއެވެ.

އެޗްޕީއޭއަށް ވެސް މިކަމުގައި ހައްލު ހޯދައި ދެވޭނެއެވެ. ވެކްސިން ޖަހާ ވަގުތު ބަދަލު ކުރާނީއެވެ. ގިނަ ޕްރައިވެޓް އޮފީސްތައް ހުޅުވާ ގަޑީގައި ވެކްސިން ޖަހަން ހުޅުވާލުމުން އެކަން ގިނަ ބަޔަކަށް އުނދަގުލެވެ. ދެން ފަސޭހަ ގޮތެއް ހޯދައިދީ ގަޑި ބަދަލު ކުރުން ކިހިނެތް ތޯއެވެ. ކޮންމެހެން ގަދި އިތުރު ކުރާ ވާހަކައެއް ނޫނެވެ. ވެކްސިން ސެންޓަރުތަކުގައި ވެސް މަސައްކަތް ކުރަނީ އިންސާނުންނެވެ. އެމީހުންނަށް ވެސް ފަސޭހަ ވާނެ ގޮތަކަސް ދެ ދަންފަޅިއަކަށް ބަހާލައިގެން ވެކްސިން ޖެހުން ކުރިއަށް ގެންދިއުން ކިހިނެތް ތޯއެވެ.

"ހާޑް އިމިއުނިޓީ" ހޯދޭނީ މުޖުތަމައުގެ ގިނަ ބަޔަކު ވެކްސިން ޖަހައިގެންނެވެ. އެކަން ކުރެވޭނީ އެންމެންގެ އެއްބާރުލުމާ އެކުއެވެ. ފަރުދެއްގެ ހައިސިއްޔަތުން ތިމާ މީ ކޮވިޑުން ދިފާއު ހޯދާފައިވާ މީހެއްކަން ކަށަވަރު ކުރާނީއެވެ. އޮފީސްތަކުން އެ އޮފީހެއްގެ ނުވަތަ އެ ކުންފުންޏެއްގެ މުވައްޒަފުންނަށް ވެކްސިން ޖަހަން ދާނެ ފުރުސަތު ފަހިކޮށް ދޭނީއެވެ. އަދި ކަމާ ބެހޭ އިދާރާތައް ވެސް މެއެވެ. ވެކްސިން ޕްރޮގްރާމް ކުރިއަސް ގެންދިއުމުގައި އެންމެނަށް ވެސް ފަސޭހަ ވާނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދާނީއެވެ. ވެކްސިން ޖަހައި ދޭ ވަގުތު ބަދަލު ކުރުމަކީ އެއް ހައްލެވެ.