މި މަހުގެ 13 ވަނަ ދުވަހު ރ. އަތޮޅު އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ސްނޯކްލިން އަށް ނިކުތް ފަހުން ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ ވަގަށް ނެގީ ކަމަށް ބުނެ، އޭނާއާ ބެހޭ މައުލޫމާތު ހޯދައިދިން މީހަކަށް 1 ލައްކަ ޑޮލަރު ދިނުމަށް އާއިލާއިން ހުށަހަޅައިފިއެވެ.

ސްނޯކެލިންއަށް ގޮސް އުޅެނިކޮށް ގެއްލުނީ ދުބާއީ އަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ގިއޮޑާ ވަސްކީޓްއެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ އޭނާގެ ފިރިމީހާ ޕަރްމަރް ގުރްޝަންޖިތް ސިންގާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. މިމަހު 13ގައި ގިއޮޑާ ގެއްލިފައި ވާއިރު، އޭނާ އިނީ މާބަނޑުވެ 8 މަސް ފުރިފައެވެ.

ޔޫއޭއީގެ ނޫހެއް ކަމަށްވާ "ޚަލީޖް ޓައިމްސް"އަށް މައުލޫމާތު ދެމުން ގުރްޝަންޖިތް ބުނީ، އާއިލާއިން ގަބޫލު ކުރާ ގޮތުގައި ކަނޑުފޭރޭ މީހުން ވަނީ ގިއޮޑާ ވަގަށް ނަގާފައެވެ. އަދި އެއީ ރާއްޖޭގައި އާންމު ކަމެއް ކަމަށް ބުނެ، އޭނާ ވަނީ ގިއޮޑާ ހޯދޭނެ ފަދަ މައުލޫމާތެއް އޭނާއާ ބެހޭ ގޮތުން ހޯދަދިން މީހަކަށް 1 ލައްކަ ޑޮލަރުގެ އިނާމެއް ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން ގިއޮޑާގެ އާއިލީ ގާތް ރަހްމަތްތެރިއެއް ކަމަށްވާ އުދޭ ސިންގް ގަބޫލު ކުރާ ގޮތުގައި ގިއޮޑާ ރާއްޖޭގެ ކަނޑުގައި ފަތާލަން ގޮސްގެން ނުގެނބޭނެއެވެ. އަދި ގިއޮޑާ އަކީ މޮޅު ފެތުންތެރިއެއް ކަމަށާއި، މަޝްހޫރު އެތްލީޓެެއް ކަން ފާހަގަކޮށް، އޭނާ ވަނީ ގިއޮޑާ ފެތުނު ނަމަވެސް ދެތިން ދުވަހުން ގިއޮޑާގެ ހަށިގަނޑު ނުފެނުނީތީ ސުވާލު އުފައްދާފައެވެ.

ގުރްޝަންޖިތް ބުނީ، އޭނާގެ އަންހެނުން ގެއްލިގެން ހޯދަމުން ދާއިރު، އަންހެނުން ގެއްލުމާ ބެހޭ ގޮތުން ރަނގަޅު ޖަވާބެއް ރާއްޖޭގެ އިދާރާތަކުން ލިބެމުން ނުދާ ކަމަށެވެ. ފުލުހުންނާއި ސިފައިން ގަބޫލު ކުރާ ގޮތުގައި ގިއޮޑާ ގެއްލުނީ ސްނޯކްލިންއަށް ގޮސް އުޅެނިކޮށެވެ. އަދި ހަފްތާއަކަށް ވުރެ ގިނަ ދުވަހު އޭނާ ހޯދުމުގެ މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، އޭނާ ހޯދޭނެ ކަމުގެ އުއްމީދު އަދި ކަނޑައެއް ނުލައެވެ.

ގިއޮޑާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސާފޭސް ބެލުމުގެ އިތުރުން، ޑައިވްކޮށްގެން ޖުމްލަ 138،000 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ވަނީ ބަލާފައެވެ. ހަމައެއާއެކު އޭނާ ހޯދުމަށް ކައިރީގައި ހުރި ފަޅުރަށްތައް ވެސް ބަލާފައިވެއެވެ.