ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހާ ދާދި އެއް ގޮތް ކަމެއް ހުންނަ ކޮރޯނާވައިރަހުގެ ސްޓްރެއިން ތަކަކީ، 3 ދުވަހާ ހަމަށް ފޭރާމުގައި ދިރިހުންނަ ބާވަތްތަކެއް ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.
ލޭސެސްޓާގެ ޑެ މޮންޓްފޯޓް ޔުނިވާސިޓީގެ ސައެންސްވެރިން ވަނީ، ސިއްހީ ހިދުމަތުގެ ސިނާއަތުގައި އެންމެ އާންމު ކޮށް ބޭނުން ކުރާ 3 ބާވަތެއްގެ ފޭރާމުގައި، ކޮރޯނާވައިރަސް ހަރުލާ ހުންނަނީ ކިހާ އިރެއް ވަންދެންތޯ ބަލާފައެވެ.
ދިރާސާ ޓީމުން ބުނީ، ސިއްހީ ހިދުމަތުގެ ދާއިރާގެ ޔުނީފޯމްތައް ތައްޔާރު ކުރުމުގައި އެންމެ އާންމުކޮށް ބޭނުން ކުރާ ފޭރާމުގެ ބާވަތްތަކަކީ، ވައިރަސް ފެތުރުމުގެ ނުރައްކާ އޮންނަ ބާވަތްތަކެއް ކަމަށެވެ. އެގޮތުން، އެންމެ ރިސްކު ބޮޑީ ޕޮލީއެސްޓާ (ޕޮލިސްޓަރު) ފޮތީގައި ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ. 3 ދުވަސް ވާއިރުވެސް މި ބާވަތުގެ ފޭރާމުގައި ވައިރަސް ދިރިހުންނަ ކަމަށާ، ވައިރަސް ފެތުރުމުގެ ގާބިލުކަންވެސް ލިބިފައި ވާ ކަމަށް ދިރާސާއިން ދައްކައެވެ.
100 ޕަސެންޓް ކޮޓަން ފޮތީގައި ވައިރަސް ދިރި ހުންނަނީ 24 ގަޑިއިރު ވަންދެން ކަމަށާއި، ޕޮލީކޮޓަން ފޮތީގައި ވައިރަހަށް ދިރިހުރެވެނީ އެންމެ 6 ގަޑިއިރު ވަންދެން ކަމަށްވެސް ދިރާސާއިން ވަނީ ދައްކާފައެވެ.
ދިރާސާގައި ތަހުލީލު ކޮށްފައިވަނީ ކޮވިޑް-19 ޖެހުމަށް މެދުވެރިވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އާ ދާދި އެއްގޮތަށް ފަރުމާކޮށްފައިވާ މޮޑެލް ކޮރޯނާވައިރަހެއް ކަމަށްވާ "އެޗްކޮވް-އޯސީ43" އެވެ. މި ވައިރަސް ޓެސްޓު ކުރީ ޕޮލިސްޓަރު، ޕޮލީކޮޓަން އަދި 100 ޕަސެންޓް ކޮޓަން ފޭރާމުގައެވެ.
ދިރާސާ ޓީމުން ވަނީ، 100 ޕަސެންޓް ކޮޓަން ފޭރާމުން ވައިރަސް ފިލުވުމަށް ދޮންނަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯވެސް ބަލާފައެވެ. އެގޮތުން، ވައިރަސް މުޅިން ފިލުވާ ލެވުނީ ޑިޓާޖަންޓް (ދޮންނަ ކުނޑި/ލިކުއިޑް) ބޭނުން ކޮށްގެން، 67 ޑިގްރީ ސެލްސިއަސްއަށް ފެނުގެ ހޫނުމިން ބަހައްޓައިގެން ދޮވުމުން ކަމަށް ދިރާސާ އިން ވަނީ ދައްކާފައެވެ.
ވައިރަހުން ތަޣައްޔަރުވެފައިވާ ފޭރާމާއި، ތަޣައްޔަރުވެފައި ނުވާ ފޭރާން އެކުގައި ދޮވުމުން، ވައިރަހުގެ އަސަރު ފެތުރިގެން ދިއުމުގެ ނުރައްކަލެއް އޮތް ކަމަކަށްވެސް ދިރާސާއިން ދައްކާފައެއް ނުވެއެވެ.