ކުރީ ސަރުކާރުން 2780 ފަރާތަކަށް ނާޅާ ހުރި ހިޔާ ފްލެޓްތަކުގެ ލިޔުން ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އަސްލަމް ވިދާޅުވީ ކުރީގެ ސަރުކާރުން ފްލެޓްތައް ލިބޭނެ ކަމަށް ބައެއް ފަރާތްތަކަށް ލިޔުން ދީފައިވާ ކަމަށެވެ.

އެފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން ދީފައިވަނީ ނޮވެމްބަރު 4، 2018 ގައި ކަމަށާއި އެއީ އިންތިހާބު ނިމި ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ވަރަށް އަވަސް އަރުވާލައިގެން ކުރި ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 9500 ފަރާތަކަށް ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދީފައިވާ ކަމަށް ގެޒެޓްކޮށްފައި އޮބައޮތް ކަމަށާއި އެހެން ނަމަވެސް މިހާރު ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ޖުމްލަ އަދަދަކީ 7720 ޔުނިޓު ކަމަށެވެ.

އޭގެ ތެރެއިން 2789 ފަރާތަކަށް އިތުރަށް ނެތް ފްލެޓްތަކެއްގެ ލިޔުން ދީފައިވާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އެއީ 2 ބެޑްރޫމް ފްލެޓްތަކެއް ކަމަށް އަސްލަމް ފާހަގަ ކުރެއްވިއެވެ.