ޓެރަރިޒަމަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށާ، ޓެރަރިޒަމަކީ އެއްވެސް ހާލެއްގައި އެކަމުގައި އިންސާފެއް އޮތް ކަމެއް ނޫން ކަން ގަބޫލު ކުރަން ޖެހޭ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޑރ ޖައިޝަންކަރު މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މަތީ ފަންތީގެ ބައްދަލުވުމެއްގައި ތަގުރީރު ކުރައްވަމުންނެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ ކައުންސިލް ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ޑރ ޖައިޝަންކަރު ވިދާޅުވީ، އިންސާނިއްޔަތަށް ކުތިމަތިލާން ޖެހިފައިވާ އެންމެ ގެއްލުންދެނިވި ނުރައްކާތަކުގެ ތެރޭގައި ޓެރަރިޒަމް ހިމެނޭ ކަމަށެވެ. މިއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމުގައި ސިފަކުރައްވަމުން ޑރ ޖައިޝަންކަރު ވިދާޅުވީ، މިއީ އިންސާނީ ހައްގުތަކުގެ އެންމެ އަސާސް ކަމަށް ވާ، ދިރިހުރުމުގެ ހައްގަށްވެސް އުނިކަން ލިއްބައިދެނިވި ޖަރީމާއެއް ކަމަށެވެ.

ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާ އިންޑިއާއަކީ، ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ހަރަކާތްތަކުގެ އެންމެ ކުރީގައި ހަރަކާތްތެރިވާ ގައުމެއް ކަން ޑރ ޖައިޝަންކަރު ވަނީ ފާހަގަ ކުރައްވާފައެވެ. މިކަން ވާން އޮތީ، ޓެރަރިޒަމަކީ އެއްވެސް ހާލެއްގައި އެކަމުގައި އިންސާފެއް އޮތް ކަމެއް ނޫން ކަން ގަބޫލު ކޮށްގެން ކަމަށް ޑރ ޖައިޝަންކަރު ވިދާޅުވިއެވެ. އަދި ޓެރަރިޒަމްގެ ޖަރީމާ ހިންގާ ފަރާތްތަކަކީ، އެ ޖަރީމާގެ ޝިކާރައަކަށް ވާ މީހުންނާ އެއްފަދަ ކުރެވޭނެ ބައެއް ނޫން ކަމަށްވެސް ޑރ ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.

ޓެރަރިޒަމާ ކުރިމަތިލުމަށް، އަމަލު ކުރަން ފެންނަ 8 ނުކުތާގެ އެޖެންޑާއެއް، އިންޑިއާއިން ވަނީ އދގެ ސަލާމަތީ މަޖިލީހަށް، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހުށަހަޅާފައެވެ.