މަޑުޖެހިފައިވާ ވައިގެ އުދުހުންތަކުގެ ސިނާއަތް އަލުން ހިންގައިގަތުމަށްޓަކައި ފަސެންޖަރުންގެ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޓެސްޓު ނަތީޖާތަކާއި ވެކްސިން ރެކޯޑްތައް ރައްކާ ކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ވާ އެޕް – "ޓްރެވެލް ޕާސް"، އަންނަ މަހު ލޯންޗު ކުރުމަށް ތައްޔާރު ވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން، 290 އެއާލައިން މެންބަރުން ބައިވެރިވާ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)އިން ތަރައްގީ ކޮށްފައި ވާ "ޓްރެވެލް ޕާސް" އެޕްލިކޭޝަނަކީ، އިތުރު ފީއަކާ ނުލާ، ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ވާ މޯބައިލް އެޕްލިކޭޝަނެކެވެ.

ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްގައި ބަޔަކު މަޑުކޮށްލައިގެން ތިބިއިރު ކުރިމަތީގައި ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް / ފޮޓޯ: ވޮލަސް ވޫން

މިއީ ކޮވިޑް-19ގެ ސަބަބުން ބަންދު ކޮށްފައި ވާ ބޯޑަރުތައް އަލުން ހުޅުވާ، ވައިގެ ދަތުރުތައް އަލުން ހިންގައިގަނެ، ކަރަންޓީނާ ނުލާ ދަތުރުފަތުރު ކޮށް އުޅުމަށް މަގު ތަނަވަސް ކޮށްދޭނެ އެޕްލިކޭޝަނަކަށް ވާނެ ކަމަށް އަޔާޓާއިން އުއްމީދު ކުރެއެވެ.

"ޓްރެވެލް ޕާސް" މަސައްކަތް ކުރާ މައިގަނޑު 4 ގޮތެއް އޮވެއެވެ. ފުރަތަމަ ކަމަކަށް، ދާން ބޭނުންވާ މަންޒިލަށް ދަތުރު ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ބަލާލުމުގެ ފުރުސަތު، މި އެޕްލިކޭޝަނުން ފަހި ކޮށްދެއެވެ.

އެއަށްފަހު، ދަތުރަށް ފުރުމުގެ ކުރިން ކުރަންޖެހޭ ކޮވިޑް-19އަށް ޓެސްޓު ފުރިހަމަ ކުރުމާއި ވެކްސިން ޖެހުމަށް ހާއްސަ މަރުކަޒުތައް ދަނެގަނެ، އެޕޮއިންޓްމަންޓް ހެއްދެއެވެ.

ސޯލްގެ އެއާޕޯޓްގައި ދަތުރުވެރިއަކު ކިއުއާރް ކޯޑު ބޭނުން ކޮށްގެން އެ ގައުމަށް އެތެރެވި ކަން ދަފުތަރު ކުރަނީ / ފޮޓޯ: ބްލޫމްބާގް

3 ވަނަ ކަމަކަށް، ހުއްދަ ދީފައިވާ ހާއްސަ ލެބްތަކާއި ޓެސްޓު މަރުކަޒުތަކުން، ފަސެންޖަރުންގެ ޑޭޓާ، އެޕްލިކޭޝަން މެދުވެރިކޮށް، ހިއްސާ ކޮށްދެއެވެ. މީގެ އިތުރުން، ދެވަނަ މީހަކާ ނުބެހި ނުވަތަ "ކޮންޓެކްޓް-ލެސް" ކޮށް، އެ ފަސެންޖަރެއްގެ ޑިޖިޓަލް ވަނަވަރު ތައްޔާރު ކޮށްދެއެވެ. ޑިޖިޓަލް ވަނަވަރުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ޕާސްޕޯޓް ފޯނަށް އާދެއެވެ. އަދި ކޮވިޑް-19 ޓެސްޓާއި ވެކްސިން ރެކޯޑްގެ އިތުރުން، ދަތުރަށް ބޭނުންވާ އެހެނިހެން ލިޔެކިއުންތައްވެސް ޑިޖިޓަލްކޮށްދެއެވެ.

މިވަގުތު "ޓްރެވެލް ޕާސް" އެޕްލިކޭޝަން ހާއްސަ ކޮށްފައި ވަނީ ކޮވިޑް-19އަށް އެކަންޏެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެހެން ދާއިރާތަކަށްވެސް މި އެޕްލިކޭޝަން ފުޅާ ކުރުމުގެ ގާބިލުކަން ލިބިގެންވެއެވެ.

ފީއަކާ ނުލާ އައިއޯއެސް އަދި އެންޑްރޮއިޑް ސިސްޓަމްތަކަށް ޑައުންލޯޑް ކުރެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ "ޓްރެވެލް ޕާސް" އެޕްލިކޭޝަން ލޯންޗް ކުރަން ތާވަލު ކޮށްފައި ވަނީ ކުރިއަށް އޮތް މާޗް މަހުގެ ފަހުކޮޅަށެވެ.

ކޮވިޑް-19އާއެކު ގިނަ އެއާޕޯޓްތަކެއް ވަނީ މުޅިންހެން ފަޅުވެފަ/ފޮޓޯ: ސްޕެންސާ ޕްލެޓް

އޭގެ އެންމެ ފުރިހަމަ ގޮތުގައި "ޓްރެވެލް ޕާސް" ބޭނުން ކުރާ ފުރަތަމަ ގައުމަކަށް ވާނީ، ސިންގަޕޫރު ކަމަށް މައުލޫމާތު ލިބެއެވެ. އެއަށްފަހު، ޕައިލެޓް ޕްރޮޖެކްޓް އުސޫލުން، 20 އެއާލައިނަކުން މި އެޕްލިކޭޝަން ބޭނުން ކުރާނެ ކަމަށް ހަބަރު ލިބެއެވެ. އޭގެ ތެރޭގައި ގަތަރު އެއާވޭޒް، އެމިރޭޓްސް އަދި އިއްތިހާދު އެއާވޭޒްވެސް ހިމެނެއެވެ.

"ޓްރެވެލް ޕާސް" އަކީ މި އުސޫލުން ބޭނުން ކުރާ ފުރަތަމަ އެޕްލިކޭޝަނެއް ނޫނެވެ. ކޮމަންސް ޕްރޮޖެކްޓް ފައުންޑޭޝަނުން މިހާރުވެސް ދަނީ "ކޮމަންޕާސް"ގެ ނަމުގައި މިފަދަ ޕްލެޓްފޯމެއް ތަޖުރިބާ ކުރަމުންނެވެ.