ކޮވިޑް ރޯގާއިން އަރައިގަތުމަށް ރާއްޖޭގައި ވެކްސިން ޖަހަމުންދާ ޕްރޮގްރާމްގެ ދަށުން އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން ވެކްސިން ޖަހަން ނިންމައިފިއެވެ.

މި ނިންމުން އިއުލާންކުރީ މިހާރު ކުރިއަށް ދާ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން ކޮވިޑް ވެކްސިން ދިނުމަށް ހަމަޖެހިފައި ވާއިރު އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށް ވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ވެކްސިން ދިނުމުގެ ކަންކަން މިހާރު ކުރިއަށް ދާއިރު މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ދާ މީހުން މަދު ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ. ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ މިވަގުތު މި ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަމެއް ކަމަށް އެ ސެންޓަރުން ބުނެއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައި ވާ އިރު މިހާތަނަށް އައި އިރު ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 85،000 އިން މައްޗށް ގޮސްފައެވެ.

މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒާއި، ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 169 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.