ލަކްސް ސައުތު އަރިއެޓޯލް ރިސޯޓުން ގިނަ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ ބޮޑު އައުޓް ބްރޭކެއް ފެނިފައިވާ އިރު މިއަދު އިތުރު 16 މީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް ކޭސްތަކުގެ އަޕްޑޭޓް ދެމުން ބުނީ، މިއަދު ރިސޯޓު ތަކުން ޖުމްލަ 20 ކޭސް ފެނިފައިވާ އިރު އޭގެތެރޭގައި 16 މީހަުންނަކީ ލަކްސް ރިސޯޓުން ރިޕޯޓު ކުރި ކޭސްތައް ކަމަށެވެ.
އިއްޔެ 9 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެ ކުރީ ދުވަހު އެ ރިސޯޓުން ވަނީ 37 ކޭސް ފެނިފައެވެ. މިހާރު އެ ރިސޯޓުގެ ކޭސްތަކުގެ އަދަދު މިވަނީ 62 އަށް އަރާފައެވެ.
ރިސޯޓުތަކުން ފެންނަ ކޮވިޑްގެ ކޭސްތައް މިފަހުން ބޮޑުތަނުން އިތުރުވަމުން އަންނައިރު ރިސޯޓުތަކުގައި ވެކްސިން ޖެހުންވެސް ކުރިއަށް އެބަދެއެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މިއަދުވެސް ކޮވިޑް ޖެހިގެން ރިޕޯތް ކުރި އަދަދު ވަނީ 100 އިން މައްޗަށް ގޮސްފައެވެ. މިއަދު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދަކީ 108 އެވެ.