ހިޔާ މަޝްރޫއުގެ ދަށުން އެޗްޑީސީ މެދުވެރިކޮށް ދޭން ނިންމި އެއް ކޮޓަރީގެ ފްލެޓްތަކަށް މި ސަރުކާރުގައި ހެދި ގޮތެއް ސާފު ކޮށްދިނުމަށް ގޮވާލާ ހުށަހެޅި ގަރާރަށް މަޖިލީހުން ބަހުސް ކުރަން ފަށައިފިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އެ ގަރާރު މަޖިލީހަށް ބަލައިގެންފައި ވަނީ 43 މެންބަރުންގެ ވޯޓާ އެކުއެވެ. އެއް ކޮޓަރީގެ ފްލެޓްތަކަށް ވީ ގޮތެއް ސާފު ކުރަން ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ އަޅާފައި ހުރި ފްލެޓްތަކެއް ނެތް ކަމަށް މި ސަރުކާރުން ބުނާ ސަބަބު ރައްޔިތުންނަށް ސާފު ވާން ޖެހޭ ކަމަށެވެ.

ގަރާރު ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓުތައް ވުޖޫގައި ނެތް ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވި ކަމަށެވެ. ނަމަވެސް ފަހުން އެ ފްލެޓުތައް ނިންމީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެމްޑަބްލިއުއެސްސީން ކަމަށާއި، ލިބެން ހުރީ 36 ފްލެޓު ކަމަށް ވިދާޅުވިކަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.

ޝިޔާމް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު 12 ޓަވަރު ފެންނަން ހުރި އިރު އެ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފްލޯގެ ފްލެޓުތަކުގެ ގޮތުގައި 900 ފްލެޓަށް ވުރެ ގިނައިން ފްލެޓު ހުންނާނެ ކަަމަށް އޭނާ ވިދާޅުވެއެވެ. އަދި އެ ފްލެޓުތައް ވުޖޫދުގައި ނެތް ކަމަށް ބުނެ، މި ސަރުކާރުގައި އުފެއްދި ފަހި ދިިރިއުޅުން ކޯޕަރޭޝަނުގެ ދަށުން ބޮޑު އަގުގައި އެ ފްލެޓުތައް ވިޔަފާރި އުސޫލުން ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ފްލެޓްތަކަކީ ދިވެހި ޒުވާނުންގެ އުއްމީދާ ގުޅިފައިވާ ކަމަކަށް ވާތީ، އެ ފްލެޓްތަކާ މެދު ސަރުކާރުން ކަންކުރި ގޮތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ކަން ކުރި ގޮތް ސާފުކޮށް ލިޔުމުން ބަޔާން ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މި މައްސަލައިގެ ބަހުސް މަޖިލީހުން ފަށާފައި ވާއިރު، އިދިކޮޅު މެންބަރުންނާއި ސަރުކާރު މެންބަރުން ގެންދަވަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އެގޮތުން ސަރުކާރު މެންބަރުން ގެންދަވަނީ ކުރީ ސަރުކާރުން ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމުގައި އަމަލު ކުރި ގޮތާމެދު ފާޑު ވިދާޅުމަވުންނެވެ. އަދި ފްލެޓް މައްސަލައިގައި ޒިންމާ ނަގަން ޖެހޭނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް މެންބަރުން ދަނީ ވިދާޅުވަމުންނެވެ.