ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 50 އަށް އަރާފައިވާ ކަމަށް މިހާރު ކުރިއަށްދާ އެޗްއިއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފިއެވެ.

އެޗްއީއޯސީން ބުނީ، ފުވައްމުލަކުގެ ކޭސްތައް 50 އަށް އަރާފައިވާ އިރު އެ ރަށުގައި މިހރު ތިން ކްލަސްޓާއެއް ފެނިފައިވާ ކަމަށެވެ. އަދި މިހާތަނަށް 959 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށެވެ. މިއަދު ފެނުނު ޕޮޒިޓިވް ކޭސްގެ ތރޭގައި ފުވައްމުލަކުން އެންމެ ކޭސްއެއް ރިޕޯޓުކޮށްފައި ނުވި ނަމަވެސް އިއްޔެ އެ ސިޓީން ވަނީ ހަ މީހަކު ޕޮޒިޓިވްވެފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެފައި ވަނީ، ފުވައްމުލައް ސިޓީގައި ޕޮޒިޓިވްވެފައިވާ ކޭސްތަކާ ގުޅުމެއް ނެތް ކޭސްތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ އާ ކުލަސްޓާގައި ފުރަތަމަ މީހާ ޕޮޒިޓިވްވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި އަދި އެ ކޭސްއާ ގުޅުން ހުރި އިތުރު ހަ މީހަކު މިހާރު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް ރޭ ފުވައްމުލަކު ކޭސްގެ ޖުމްލަ އަދަދު އެޗްއީއޯސީން ހާމަކޮށްފައެއް ނުވެއެވެ.

ފުވައްމުލައް ސިޓީ ވަނީ ޕޮޒިޓޓިވް ކޭސްތަކެއް ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި އެރަށުގައި ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ.

ފުވައްމުލަކުގެ އިތުރުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ އައްޑޫ ސިޓީއެވެ. އައްޑޫ ފޭދޫން މިއަދު ވަނީ ޕޮޒިޓިވް އެއް ކޭސް ފެނިފައެވެ.