ދަތުރު ކުރަމުން ދިޔަ ބޯޓު ހަލާކުވެ، އެންޑަމަން ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ ރޯހިންޏާ ރެފިއުޖީން، މިހާރުން މިހާރަށް ސަލާމަތް ކޮށްދިނުމަށް، ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ގޮވާލައިފިއެވެ.

ބޯޓު ހަލާކުވުމުގެ ސަބަބުން ހާލުގައި ޖެހި، ބޯފެނާއި ކާބޯތަކެތި ހުސްވެ، ކަނޑުމަތީގައި ރެފިއުޖީން ތިބިތާ މިހާރު ދުވަސްތަކެއް ވެފައި ވާކަމަށްވެސް ޔޫއެންއެޗްސީއާރްއިން ބުނެއެވެ.

ޔޫއެންއެޗްސީއާރްއިން ބުނީ، ހޮނިހިރު ދުވަހުގެ ހަވީރު ލިބުނު މައުލޫމާތަށް ބަލާއިރު، ހާލުގައި ޖެހިފައި ތިބި ރޯހިންޏާ ރެފިއުޖީންގެ އަދަދު އަދި ކަށަވަރެއް ނުވެއެވެ.

ޔޫއެންއެޗްސީއާރްއިން ވަނީ އެންޑަމަން ކަނޑުގެ ސަރަހައްދުގެ ގައުމުތަކުން، ރެފިއުޖީން ހޯދަމަށް، މިހާރުން މިހާރަށް ނިކުތުމަށް ގޮވާލާފައެވެ.

ރެފިއުޖީންނާ ބެހޭ އދގެ އިދާރާގެ އޭޝިއާއާއި ޕެސިފިކް ސަރަހައްދުގެ ބިއުރޯގެ ޑައިރެކްޓާ، އިންދްރިކާ ރަޓްވައްޓެ ވިދާޅުވީ، އިސްކުރަން ވީ ފުރާނަ ސަލާމަތް ކުރުން ކަމަށެވެ. ބައިނަލްއަގުވާމީ ވާޖިބުތަކާއި ކަނޑުގެ ގާނޫނުތަކަށް ރިއާޔަތް ކުރާއިރު، ކަނޑުމަތީގައި ހާލުގައި ޖެހިފައި ވާ މީހުން ސަލާމަތް ކުރުމަށް އޮތް ޒިންމާ ނަގަހައްޓަން ޖެހޭ ކަމަށް އދގެ އޮފިޝަލު ވިދާޅުވިއެވެ. އެއީ ކޮން ގައުމެއްގެ ބައެއްތޯއާ، އެމީހުންގެ ގާނޫނީ ހައިސިއްޔަތަކީ ކޮބައިތޯ ބަލަން ނުޖެހޭނެ ކަމަށްވެސް ރަޓްވައްޓެ ވިދާޅުވިއެވެ.

އދގެ އޭޖެންސީއިން ބުނީ ބޯޓު އޮތް ސީދާ މިސްރާބާއި އެ ބޯޓުގައި ތިބި ރެފިއުޖީންގެ ކަށަވަރު އަދަދު ނޭނގޭ ކަމަށެވެ. ނަމަވެސް އެ ބޯޓަކީ، ބަންގްލަދޭޝްގެ ކޮކްސް ބާޒާރާއި ތިކުނާފް ސަރަހައްދުން، މީގެ 10 ވަރަކަށް ދުވަސް ކުރިން ފުރި ބޯޓެއް ކަމަށް ބެލެވޭ ކަމަށް ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ވަނީ ބުނެފައެވެ.