އިންޑިއާ ސަރުކާރުގެ އެހީގައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށްވެފައިވާ އެއްބަސްވުމުގެ ދަށުން "ޓެކްނީޝަނުން" ފަދަ ނަންނަމުގައި އިންޑިއާ ސިފައިން ނުތިބޭނެކަން ސާފުކޮށްދޭން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވާ އުޝާމް ވިދާޅުވީ ކުރިން ވެސް ކަން ހިނގާފައި އޮތީ އެފަދަ ގޮތަަކަށް ކަމަށާއި އެހެން ކަމުން މިފަހަރު ވެސް އެކަން އެގޮތަށް އޮވެދާނެތީ ރައްޔިތުންނަށް އެކަން ސާފުކޮށް ދޭން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކު ރާއްޖޭގައި ގާއިމްވެ ތިބެން ތާއީދު ނުކުރައްވާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުޝާމް އެފަދައިން ވިދާޅުވެފައި ވަނީ އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށްވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ ކުރިން ވެސް ހެލިކޮޕްޓަރެއް ދުއްވުމުގެ ނަމުގައި 'ޓެކްނީޝަނުން' އެ ބަސް ބޭނުން ކޮށްގެން އިންޑިއާގެ މިލިޓަރީ ފަރާތްތައް މި ރާއްޖޭގައި ގާއިމްވެތިބިކަން އެއީ ހުރިހާ ރައްޔިތުން ވެސް މިއަދު ގަބޫލުކުރާ ހަގީގަތެއް. އެހެންވީމާ އެކަން އެހެން އޮއްވާ އަނެއްކާ އަނެއް އެއްބަސްވުމުގެ ދަށުން 'ޓެކްނީޝަނުން" ނާއި މިފަދަ ލަފްޒުތައް ބޭނުން ކޮށްގެން އިންޑިއާގެ އެކި އެކި މިލިޓަރީ ފަރާތްތައް ރާއްޖޭގައި ގާއިމްވެތިބެވޭ ގޮތަށް އެއްްބަސްވުމެެއް ހެދުމަކީ ދިވެހި ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން
އުޝާމް

އެ މައްސަލާގައި ޝިޔާމު ވިދާޅުވެފައިވަނީ ނަމުގައި ސޮއިކޮށްފައިވާ އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ ސިޔާދަތާއި ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވެފައި، އެ އެއްބަސްވުން އެކުލަވައިލީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި މަޖިލިހުގެ ރުހުމެއް ހޯދުމަކައިނުލައި ކަމުގައެވެ.

އެތަނުގައި ތަރައްގީކުރާ ހާބަރާއި ޑޮކްޔާޑް ބެލެހެއްޓުމުގައި އިންޑިއާ ސިފައިންނަށް އެތަނުގައި ދާއިމަށް ތިބެވޭނެ ގޮތަށް އެއްބަސްވުން ފަރުމާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެގޮތުން މިލިޓަރީ ޕާސަނަލްގެ ބަދަލުގައި "އޮފިޝަލުން" ނުވަތަ "ޓެކްނީޝަނުން" ފަދަ ލަފްޒުތައް ހިމަނައިގެން ކަމަށް އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.

އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެ އެއްބަސްވުމާއި ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޝިޔާމް ވިދާޅުވީ، ރާއްޖޭއަށް އިގްތިސޯދީ ގޮތުން ވަރަށް ދަތި ދަނޑިވަޅެއްގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ބޭރު ގައުމުތަކުން 6.45 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށެވެ. މިފަދަ ނާޒުކު ހާލަތެއްގައި އެގޮތަށް ލޯނު ނެގުމުން ރައްޔިތުން ކަންބޮޑުވާ ކަމަށް ވެސް ވިދާޅުވިއެވެ.