ރާއްޖެއަކީ އިންޑިއާ ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި ގައުމެއްކަމަށް އަންގައިދުނުމަށް އެމްއެމްޕީއާރުސީން އިންޑިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.

އިންޑިއާ ނޫސްވެރިންނަށް އަމާޒުކޮށްގެން މި އަހަރު ކުރިއަށް ގެންދާ ފުރަތަމަ ފޭމް ޓްރިޕްގައި އެ ގައުމުގެ ފަސް ނޫހަކުން އެޑިޓަރުން ލެވެލްގެ ނޫސްވެރިން އައިސްފައި ވެއެވެ. އޭގެ ތެރޭގައި ދަ ޕައިނިއާ، ސަންޑޭ ގާޑިއަން، އީޓީ ޓްރެވަލް ވޯލްޑް، ޓީއެމްއެމް މެގަޒިން އަދި ސްޕަޓްނިކް ނިއުސް އިން ނޫސްވެރިން އައިސްފައި ވެއެވެ.

އިންޑިއާ މާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެ ނޫސްވެރިން ރާއްޖެ އައިސްފައިވަނީ އިއްޔެއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެ މީހުން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ ތަޖުރިބާ، ހިއްސާކޮށް އިންޑިއާގެ މާކެޓަށް ރާއްޖޭގެ ޓޫރިޒަމްގެ ވާހަކަތައް ކިޔައިދޭނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ. އިންޑިއާ މީޑިއާ ޓީމުން ތިބޭނީ ކަގި މޯލްޑިވްސް އަދި އެމަރަލްޑް މޯލްޑިވްސްގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި އެމްއެމްޕީއާރުސީން އަންނަނީ ތަފާތު މާކެޓިން ހަރަކާތްތަކެއް އިންޑިއާގައި ކުރިއަށް ގެންދަމުންނެވެ. ފޭމް ޓްރިޕްތަކުގެ އިތުރުންވެސް ދަނީ އެހެނިހެން އޮންލައިން އަދި އޮފްލައިން މާކެޓިން ކެމްޕޭންތައް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި އިންޑިއާގައި ބޭއްވޭ ޓްރެވަލް ޓްރޭޑް ފެއާތަކުގައި ބައިވެރިވެ، ރާއްޖެ އިޝްތިހާރުމާއި ވެބިނާތައް ބޭއްވުމާއި ރޯޑް ޝޯތައް ވެސް އެމްއެމްޕީއާރުސީން ދަނީ ކުރިއަށް ގެންދަމުންނެވެ.

އިންޑިއާ އަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓެވެ. މިދިޔަ އަހަރުވެސް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރީ އިންޑިއާ އިންނެވެ. މިދިޔަ ހަފްތާ އާއި ހަމައަށް ދެވަނަ މާކެޓުގެ ގޮތުގައި އިންޑިއާ އޮތުމަށްފަހު އެއްވަނަ އަށް ޖެހިލިއިރު އެ ގައުމުގެ ބޮޑެތި ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެއެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އައި ކިލަނބު ދުވަސްތަކަށް ފަހު ބޯޑަރު ހުޅުވާލިފަހުން ޖުލައި 15 އިން ޑިސެމްބަރު 30 ގެ ނިޔަލަށް 169،964 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ.

މިދިޔަ އަހަރު ނިމުނު އިރު 5 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވާއިރު އެއީ އެ އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރި ޓާގެޓަށް ވުރެ އިތުރު އަދަދެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިމަހު 17ގެ ނިޔަލަށް 147،744 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.