ރާއްޖޭގައި މި މަހުގެ 1 ވަނަ ދުވަހު ކޮވިޑް19ގެ ވެކްސިން ޖަހަން ފެށި ސޯޝަލް ސެންޓަރަށް ދާ މީހުން "ބޮޑުތަނުން މަދުވެ" ގާތްގަނޑަކަށް ހުސްވެއްޖެއެވެ.

ސޯޝަލް މީޑިއާގައިވެސް މިހާރު ދަނީ މިކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ސޯޝަލް ސެންޓަރުގައި ހުސްކޮށް ހުރި ގޮނޑިތަކުގެ ފޮޓޯއާ އެކު އެކި މީހުން ބުނެފައި ވަނީ މިއަދުގެ ގިނަ ވަގުތު ހުސްކޮށް ދާ ކަމަށެވެ. އެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު ބައެއް މީހުން ބުނެފައި ވަނީ ޒުވާނުން ވެކްސިން ޖަހަން ދާ މިންވަރު މަދުވެފައިވާ ކަމަށެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިނަކީ ކޮވިޑް-19 އިން ދިފާއުވުމަށް ހާއްސަ ކޮށްގެން، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިނެކެވެ.

ވެކްސިން ޖަހަން ފެށި އިރު، ފްރޮންތްލައިންއާއި ހައި ރިސްކް މީހުނަށް އިސްކަން ދިން ނަމަވެސް މިހާރު އުމުރުން 30 އަހަރުން މަތީގެ ކޮންމެ މީހަކަށް ޖެހޭނެއެވެ. އަވަހަށް ވެކްސިން ޖަހަން ދާށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފްސާހިސާބުތަކަށް ބަލާއިރު އިއްޔެއާ ހަމައަށް ވެކްސިން ޖެހި ޖުމްލަ މީހުންގެ ޖުމްލަ އަދަދު ވަނީ 75،013 އަރާފައެވެ. އެގޮތުން މާލެ ސަރަހައްދުން 56،979 މިހަކާއި އަތޮޅު ތެރެއިން 18،034 މީހަކަށް ވަނީ ވެކްސިން ޖަހާފައެވެ.

މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒާއި، ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 69 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.