ވޯޓާސް ލިސްޓާ ގުޅިގެން 1700 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ ވޯޓާސް ރަޖިސްޓަރީ އަށް ޝަކުވާ ހުށަހެޅުމަށް ކަނޑަައަޅާފައިވާ މުއްދަތުގެ ތެރޭގައި ޖުމަލް 1758 ޝަކުވާއެއް އެކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. ޝަކުވާތައް ބަލައިގަނެފައި ވަނީ ޝަކުވާ ފޯމު ހުށަހަޅައިގެންނެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދިޔަ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.

އިންތިހާބު ބާއްވާ ދުވަސް ގާތްވަމުންދާ އިރު އީސީން ދަނީ އިންތިހާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ.