އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު މިއަދު ސޮއި ކުރި އެއްބަސްވުމުގެ ތަފްސީލް އާންމުންނަށް ހާމަކުރަން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވެސް ވާދަ ކުރައްވާ މުއިއްޒު ވިދާޅުވީ، އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ހަދަން ސޮއި ކުރި އެއްބަސްވުމާ ގުޅިގެން މިއަދު މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ހުރި ކަންކަމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަންކަން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރައްޔިތުންނަށް އެ އެއްބަސްވުމުގެ ތަފްސީލް ހާމަ ކުރަން ޖެހޭ ކަމަށާއި ދެ ފުށް ފެންނަ ގޮތަަކަށް އެ މައުލޫމާތު ހިއްސާ ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ގަބޫލު ކުރައްވާ ކަމަށެވެ.

އެ ބަނދަރާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ، އެއީ އިންޑިއާ ސިފައިން އެ ތަނުގައި ގާއިމްވެ ތިބުމަށް ހަދާ ތަނެއް ކަމަށެވެ. އެ ޑޮކްޔާޑަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ބަނދަރު ކުރުމަށާއި އެ މީހުންގެ އުޅަނދުތައް މަރާމާތު ކުރުމަށާއި އިންޑިއާ ސިފައިން މި ސަރަހައްދުގައި ބޭތިއްބުމަށް މަގުފަހި ކުރަން އަޅާ ތަނެއް ކަމަށް އުމަރު ވަނީ ތުހުމަތު ކުރައްވާފައެވެ.

މުއިއްޒު އެ ބަނދަރުގެ އެގްރީމެންޓްގެ ތަފްސީލް ހާމަކުރުމަށް ގޮވާލައްވާފައި ވާއިރު، އެ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތަރައްގީ ކުރާނީ ޒަމާނީ، ނޭވަލް ބަދަރެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ މަޝްރޫއު ބަހާލާފައި ވަނީ ދެ މަރުހަލާ އަކަށެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން ވަނީ އެއްބަސް ވެފައެވެ. އެއަށް ފަހު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ލިބޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާ އާއެކު މިއަދު ރާއްޖެއިން ސޮއި ކުރުމުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

ބަނދަރާއި ޑޮކްޔާޑުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުލްލަތީފް ވިދާޅުވީ އެ މަސައްކަތުގައި އިންޑިއާގެ ޓެކްނިކަލް މީހުން ހަރަކާތްތެރި ވާނެ ކަމަށެވެ. ނަމަވެސް އެއީ އަސްކަރީ މަރުކަޒެއް ނޫން ކަމަށާއި، އެހެންކަމުން އެތަނުގައި އަސްކަރީ ބަޔަކު ނުތިބޭނެ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި އަދި އިންޑިއާއިން ރާއްޖެއަށް ވެދޭ އެހީތެރިކަމާ ގުޅިގެން އަބަދު ވެސް އިދިކޮޅު ކޯލިޝަނުންނާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. މިކަންކަން މިހެން އޮތް އިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަ ކުރުމަށާއި ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ-228 މަރުކާގެ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކަރާ ދެމެދު ވެވިފައިވާ އެއްބަސްވުން ހާމަ ކުރުމަށް ގޮވާލާ އަޑުތައްވެސް ވަނީ ގަދަވެފައެވެ.

މިކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނުން ބުނެފައި ވަނީ، އެ އެއްބަސްވުން ހާމަކުރުމަށް ވުރެ މަސްލަހަތު ބޮޑު ގޮތަކީ އެ އެއްބަސްވުން ހާމަ ނުކުރުން ކަމަށެވެ. ހަމައެއާއެކު އެއްބަސްވުން ހާމަކޮށްފި ނަމަ ރާއްޖޭގެ ސިޔާދަތަށް ގެއްލުން ވާނެ ކަމަށާއި އެކަމަކީ ގައުމީ ސަލާމާތާ ވެސް ގުޅުން ހުރި ކަމެއް ކަމުގައެވެ. އަދި އެ އެއްބަސްވުން ހާމަކޮށްފި ނަމަ ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމަށްވެސް އައިކޮމް އިން ބުނެފައި ވެއެވެ.