ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަން ނިންމާފައިވާ 2،000 ހައުސިން ޔުނިޓަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ އެގްޒިމް ބޭންކާ އެކު މިއަދު ސޮއިކޮށްފިއެވެ.

މި 2000 ހައުސިން ޔުނިޓަކީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ހަވާލުކޮށްގެން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަން ނިންމާފައި ވާ ހައުސިން ޔުނިޓް ތަކެކެވެ.

މި އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ސުބްރަމާނިއަން ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، ފޮރިން މިިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއަޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، 2،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ފެށުމަށް އެގްޒިމް ބޭންކާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި 2،000 ހައުސިން ޔުނިޓްގެ މަސައްކަތު އެއްބަސްވުމުގައި އެންބީސީސީ އާއި ފަހި ދިރިއުޅުން ކޯޕޮރޭޝަންއާ ދެމެދު މި މަހުގެ 2 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. އެ ގޮތުން އެންބީސީސީ އާ ހަވާލުކޮށްފައި ވަނީ 2000 ހައުސިން ޔުނިޓް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތް ކުރުމަށެވެ.

މި 2،000 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރި އަދި ތިން ފާހާނާގެ 1،400 ޔުނިޓާއި ދެ ކޮޓަރި އަދި ދެ ފާހާނާގެ 600 ޔުނިޓެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ފަސް ދާއިރާއަކުން އެހީ ދިނުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އިތުރުން ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އެހީ ދިނުމާއި އާބަން ޑިވެލޮޕްމަންޓާއި ނ. ކެނދިކުޅުދޫގައި ގާއިމް ކުރާ ގޭދޮށު މަސް ޕްލާންޓްގެ މަޝްރޫއުއަށް އެހީ ދިނުމާއި އަދި ބްރޯޑްކާސްޓިން ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެވެ. މީގެ އިތުރުން މިއަދު އެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް އަނެއްކާ ވެސް އިތުރު 1 ލައްކަ ކޮވިޝީލްޑް ވެކްސިން ހަދިޔާ ކޮށްފައެވެ.