ކޮވިޑް-19 ޖެހި ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވި ހަސަން އަލި މަނިކު (ކޮއްޔަ ހަސަންމަނިކު) ގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ވަނީ މިއަދު ކޮއްޔަ ހަސަން މަނިކުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އެ މަނިކުފާނު އަތްޕުޅުން ލިޔުއްވި މެސެޖެއް ޓްވީޓް ކުރައްވާފައެވެ. އެ މެސެޖުގައި ވަނީ، ހަސަން އަލި މަނިކަކީ އުފެއްދުންތެރި ހިޔާލު ތަނަވަސް މީހެއް ކަމަށާއި، އަދި އޭނާއަކީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބިފައިވާ މީހެއް ކަމަށް ވިދާޅުވެފައެވެ.

މީގެ ތިން ހަފްތާ ކުރިން ރައީސް ސޯލިހާ ހަސަން މަނިކު ބައްދަލު ކުރެއްވި ކަމަށާއި އުފެއްދުންތެރި ތަފާތު ހިޔާލުތައް އެމަނިކުފާނާ ހިއްސާ ކުރި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިއަދު ހަސަން މަނިކު ވަކިވެގެން ދިއުމުން އެ މަރްހޫމްގެ މައްޗަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ސޯލިހް ދުއާ ކުރެއްވިއެވެ.

ކޮވިޑް ބަލި ޖެހިގެން މިއަދު ކޮއްޔަ ހަސަން މަނިކު މަރުވެފައި ވާއިރު އޭނާ މި ފަހުން އުޅެފައި ވަނީ ވަރަށް ބަލިކޮށެވެ. އޭނާއަކީ ޑައިލިސިސް ވެސް ހައްދަމުން ދާ ބަލި މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ގިނަ ފިލްމަތަކާއި ދިވެހި ސިލްސިލާ ޑްރާމަތަކުން އާންމުންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ކޮއްޔަ ހަސަން މަނިކު މަރުވި އިރު އޭނާގެ 5 ދަރިން މި ދުނިޔޭގައި އެބަ ތިއްބެވެ.