ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 116 އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 108 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 3 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 4 މީހެކާއި ލިވަބޯޑުން ޕޮޒިޓިވްވި މީހެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 18،340 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 95 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 15،863 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 2412 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 168 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 58 އަށް އަރާފައެވެ. އެއީ 51 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ. މަރުވި 58 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 2461 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ 215 ކޭސްއެވެ.

ރާއްޖޭގައި ކޭސްތައް ގިނަ ވަމުންދާ 3 ސަރަަހއްދެއް ވަނީ މޮނިޓަރިން ހާލަަތށް ލައި ކާފިއު އިއުލާން ކޮށްފައެވެ. މާލެ ސަރަަހައްދުގެ އިތުރުން އައްޑު އަދި ފުވައްމުލައް ވެސް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މިއަދު މާލެ ސަރަހައްދުގައި ވަނީ އެއްގަމު އުޅަނދު ދުއްވުން މަނާ ކުރާ ވަގުތު އިތުރު ކޮށްފައެވެ. މިއަދުން ފެށިގެން އިރުއޮއްސި 6 އިން ހެނދުނުގެ 6 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެއެވެ.