އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު އަންނަ ހޮނިހިރު ދުވަހު ރަސްމީ ދަތުރެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އޭނާ ވަޑައިގަންނަވަނީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކަމަށެވެ. އޭނާ ވަޑައިގަންވަނީވީ މި މަހުގެ 20 ން 21 އަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް ޑިފެންސްއާ ބައްދަލު ކުރައްވާނެއެވެ.
މީގެ އިތުރުން މިނިސްޓާ އޮފް ފިނޭންސް، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއެކު ޖޮއިންޓް މީޓިންގްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
.އެ ދަތުރުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގާ މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިއީ 2019 ވަނަ އަހަރުގެ މޭއިމަހުގެ އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓަރނަލް އެފެއާޒް ކަމާއި ޖައިޝަންކަރު ހަވާލުވެވަޑައިގެން ފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅަކީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުގައެވެ.