ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖަހަމުން އަންނަ އިރު 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ޖެހޭނެ ވެކްސިންއެއް މި އަހަރު ފަހު ކޮޅު ލިބޭ ވަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ( އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒްލާ ވިދާޅުވީ، މި ވަގުތު ވެސް 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ނުދެވޭ ކަމަށާއި އަދި އެ އުމުރުފުރާގައި އެ ވެކްސިން ދިނުމުގެ ކަންކަން ދަނީ ތަހުލީލު ކުރަމުން ކަަމަށެވެ. މި އަހަރު ފަހު ކޮޅު އެ ކުދިންނަށް ވެސް ދެވޭނެ ވެކްސިންއެއް އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން މި ވަގުތު އެކުދިންނާއި ވެކްސިން ނުދެވޭ ބައެއްގެ ގޮތުގައި ހިމެނޭ މާބަނޑު މީހުން ރައްކާތެރި ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިހާރު ވެކްސިން ޖަހަން ފެށުމާ ގުޅިގެން ބައްޔާ މެދު ދޭ ސަމާލުކަން ކުޑަވާކަން ފާހަގަ ކުރެއްވޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މިހާރު ވެސް ރާއްޖޭގައި ވަރަށް ހަލުވި ކަމާއެކު ބަލި ދަނީ ފެތުރެމުން ކަމަށާއި އެނގިގެން މިއަދުވެސް 142 ރިޕޯޓުކޮށްފައި ވިޔަސް އަދި ނޭނގި ގިނަ ކޭސްތަކެއް މާލޭގައި ހުންނާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އާބާދީގެ ބޮޑު ބަޔަކަށް އަދި ވެކްސިން ނުދެވޭތީ އަދިވެސް ރައްކާތެރިކަމުގެ ގޮތުން މާސްކް އެޅުމާއި ގިނައިން އަތް ދޮވުމާއި ގައި ދުރުކަން ދެމެހެއްޓުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ކޮވިޑް ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް އެރުން ކޮންޓްރޯލް ކުރެވޭނީ ވެކްސިން ޖަހައިގެން ނޫން ކަމަށާއި ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ވެކްސިން ޖެހުމުން 70 ޕަސެންޓް ފައިދާ ލިބޭ ކަމަށާއި އަދި ބޮޑަށް ބަލިވުމުން 100 ޕަސެންޓް ދުރުކޮށްދޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިއަދު ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި 6171 މީހުންނާއެކު މިހާތަނަށް 56،218 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އެގޮތުން މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ 43،838 މީހުން ކަމަށާއި އަތޮޅު ތެރެއިން 12،380 މީހަކަށް ވެކްސިން ޖަހާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް ކޭސްގެ އަޕްޑޭތަށް ބަލާއިރު މިއަދު 142 މީހަކަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވާ އިރު ޖުމްލަ ކޭސްގެ އަދަދު މިވަނީ 18،224 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 135 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 15،768 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 2391 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 171 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.