ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖަހަމުން އަންނަ އިރު ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ކަމަށް ނިންމާފައި ވާ ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒްލާ ވިދާލުވީ، ވެކްސިންގެ ދެވަނަ ޑޮޒް ޖަހަން ނިންމާފައި ވަނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ކަމަށެވެ.

ކޮވިޑާ ގުޅިގެން އަޅާ ފިޔަވަޅުތަކަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަމުން ދާ އުސޫލުތަކެއް ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ޑަބްލިޔުއެޗްއޯގެ އިރުޝާދުވެސް އޮތީ 8 ހަފްތާ ފަހުން ޖަހަން ކަމަށާއި، އަދި މިހާރުގެ ދިރާސާތައްވެސް ހުރީ އެގޮތަށް ކަމަށެވެ.

ވެކްސިން ޖަހަން ފެށުމާ ގުޅިގެން ބައްޔާ މެދު ދޭ ސަމާލުކަން ކުޑަވާކަން ފާހަގަ ކުރެއްވޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ދޭން ފަށާފައިވާ އިރު އަދިވެސް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ނުދެވޭ ކަން ފާހަގަ ކުރައްވަމުން ނަޒްލާ ވިދާޅުވީ އަދިވެސް ބަލި ފެތުރުން ކޮންޓްރޯލް ނުވާ ކަމަށެވެ. މިއަދުވެސް 142 މީހަކަށް ކޮވިޑް ޖެހިގެން ރިޕޯޓް ކޮށްފައިވާ ކަމަށާއި ވެކްސިން ޖެހިއަސް އޭގެ އަސަރު ކުރަން ފަށަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ 2 ހަފްތާ ފަހުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ވެކްސިން ޖެހުމުން 70 ޕަސެންޓް ފައިދާ ލިބޭ ކަމަށާއި އަދި ބޮޑަށް ބަލިވުމުން 100 ޕަސެންޓް ދުރުކޮށްދޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިހާރު ވެސް މިރާއްޖޭގައި ވަރަށް ހަލުވި ކަމާއެކު ބަލި ދަނީ ފެތުރެމުން ކަމަށާއި އެނގިގެން މިއަދުވެސް 142 ރިޕޯޓު ކޮށްފައި ވިޔަސް އަދި ނޭނގި ގިނަ ކޭސްތަކެއް މާލޭގައި ހުންނާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އާބާދީގެ ބޮޑު ބަޔަކަށް އަދި ވެކްސިން ނުދެވޭތީ އަދިވެސް ރައްކާތެރިކަމުގެ ގޮތުން މާސްކް އެޅުމާއި ގިނައިން އަތް ދޮވުމާއި ގައި ދުރުކަން ދެމެހެއްޓުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ކޮވިޑް ވައިރަސް އެކަކު ގައިން އަނެކަކު ގަޔަށް އެރުން ކޮންޓްރޯލް ކުރެވޭނީ ވެކްސިން ޖަހައިގެން ނޫން ކަމަށާއި ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށް ނަޒްލާ ވިދާޅުވިއެވެ.