ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ-228 މަރުކާގެ މަތިންދާބޯޓު ދިވެހިރާއްޖޭގައި އޮޕަރޭޓުކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކަރާ ދެމެދު ވެވިފައިވާ އެއްބަސްވުން ހާމަ ނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަން އިން ބުނެފިއެވެ.
އިންފޮމޭޝަން ކޮމިޝަން އިން މިހެން ބުނެފައި ވަނީ، އެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް އެދި "ދިޔަރެސް" ނޫހުން ފަރާތުން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން އެ މައުލޫމާތު ނުދީގެން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) އޮފީހުގައި މިއަދު ބޭއްވި އަޑު އެހުމެއްގައި ނިންމި ނިންމުމުގައި ބުނެފައި ވަނީ އެ އެއްބަސްވުން ހާމަކުރުމަށް ވުރެ މަސްލަހަތު ބޮޑު ގޮތަކީ އެ އެއްބަސްވުން ހާމަ ނުކުރުން ކަމަށެވެ. އަދި އެއްބަސްވުން ހާމަކޮށްފި ނަމަ ރާއްޖޭގެ ސިޔާދަތަށް ގެއްލުން ވާނެ ކަމަށާއި އެކަމަކީ ގައުމީ ސަލާމާތާ ވެސް ގުޅުން ހުރި ކަމެއް ކަމުގައެވެ. އަދި އެ އެއްބަސްވުން ހާމަކޮށްފި ނަމަ ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމަށްވެސް އައިކޮމް އިން ބުނެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އޮންލައިން ނޫހެއްގެ ގޮތުގައި ހިންގާ "ދިޔަރެސް" ނޫހުގެ ފަރާތުން މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި އެދިފައެވެ. އެކަމާ ގުޅިގެން އައިކޮމް އަށް ހުށަހެޅުމުން އައިކޮމް އިން ވަނީ އެ މައްސަލާގައި ދެ އަޑުއެހުމެއް ބާއްވާފައެވެ.
އެ އަޑުއެހުމުގައި އެމްއެންޑީއެފުން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ބުނެފައެވެ.