ހިޔާ ފްލެޓަށް ފޯމު ހުށަހަޅާ، ފްލެޓް ނުލިބޭ ފަރާތްތަކަށް ދެން އޮންނަ މަޝްރޫއަކުން ޖާގަ ދިނުމުގައި ބަލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވެ. އެގޮތުން މަޖިލީހަށް ވަޑައިގެންނެވުމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ހިޔާ ފްލެޓަށް ކުރިމަތިލައި، ކުރިން ލިޔުން ލިބުނު ފަރާތްތަކަށް ދިން ލިއުމުގެ އަގު ކިހާވަރަކަށް ވަޒަން ކުރެވޭނެތޯ ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރަކުން ރައްޔިތަކަށް ލިޔުމެއް ދީފައި އޮވެއްޖެނަމަ، ސަރުކާރަކުން ތިއީ ތިމަންނަމެން ކޮށްފައި އޮތްކަމެއް ނޫނޭ ކިޔާފައި ދޫކޮށްނުލެވޭނެ ކަމަށެވެ. އަދި އޭރަކު ރައްޔިތުން އިންތިހާބު ކޮށްފައި އޮންނަ ސަރުކާރަކުން ލިޔުމެއް ދޭއިރު، އޭގެ ތެރެއިން މީހަކު ގޯހެއް ހަދާފައި އޮތްނަމަ އެކަމާ ފިޔަވަޅު އަޅަން ޖެހޭނީ ވަކި ކަމެއްގެ ގޮތުގައި ބަލައިގެން ވަކި ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހިޔާ ފްލެޓަށް ކުރިމަތިލި 23000 މީހުންގެ ތެރެއިން ރެންސްޕޮންސިވް އީ 19000 މީހުން ކަމަށެވެ. އަދި ފަހުން އެސެސްމަންޓް ހެދިއިރު، ކުރިން ލިޔުން ލިބުނު ފަރާތްތައް މިހާރުގެ ފައިނަލް ލިސްޓުގައި ހިމެނިފައެއް ނުވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ހެދި އެސެސްމަންޓެއްގައި ގޯހެއް ހެދި ނަމަ އެއީ ވަކި ކަމެއް ކަމަށާއި، ފްލެޓަށް ކުރިމަތިލި މީހުންނަކީ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޯހިޔާވަހިކަމުގެ "ނީޑް" އޮތް ބައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ކުރިއަށް ރަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން، ޖާގަ ދިނުމުގައި ހިޔާ ފްލެޓަށް ހުށަހެޅި ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ. އަދި އަލަށް އަޅާ ފްލެޓްތަކަށް ހުށަހެޅުމުގެ ފުރުސަތު ކުރިން ފްލެޓަށް ކުރިމަތިލައި، ނުލިބުނު ފަރާތްތަކަށް ދޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އެގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށާއި، އެ ފަރާތްތައް ބޭނުންތޯ ބަލާނެ ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.