ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ އުމުރުން 18 އަހަރުން ދަށުގެ ކުދިން އަދި ޒުވާނުންގެ މައްސަލަތަކަކީ ހައްލުކޮށް ދޭން ޖެހޭ މައްސަލަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕޭންގައި އަތޮޅުތަކުގެ ރަށްރަށަށް ސުވާލުކުރުމަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުވަށްމުލަކު ސިޓީން 18 އަހަރު ނުފުރޭ ކުދިން ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިމައްސަލައަކީ އަތޮޅު ތަކުގައި ވެސް އަދި މާލޭގައި ވެސް ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށެވެ. އެގޮތުން މި މައްސަލައަށް ހައްލެއް ގެނައުމަށް ކަމާބެހޭ ފަރަތްތަކާ ވާހަކަ ދައްކައިގެން ވަރަށް އަވަހަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ފަދަ މައްސަލަ ތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގަވާއިދާ އެއްގޮތަށް ހުރިހާ ކުދިންވެސް އަދި މީހުންވެސް އުޅުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ލައިސަންސު ނެތި ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރީމަނާތަކާ ހެދި ޒުވާން ކުދިންނަށް ދިރިއުޅުން ނުފެށި ކައިވެނި ނުކުރެވޭ ވަރަށް މައްސަލަ ބޮޑުވުމަކީ ހައްލުކޮށް ދޭން ޖެހޭ ކަމެއް ކަމަށެވެ.