ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7.000 ހައުސިން ޔުނިޓުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީން ނިންމާލައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިމަޝްރޫއުގެ މަސައްކަތް އެކުންފުނިން ނިންމާފައިވަނީ ތާވަލްކޮށްފައިވާ މުއްދަތުގެ ކުރިން ކަމަށެވެ. އެމްޑަބްލިޔުއެސްސީން އެ މަސައްކަތް ނިންމަން ތާވަލްކޮށްފަނީ މިމަހުގެ ނިޔަލަށެވެ.

ހިޔާ މަޝްރޫއުގައި ހިމެނޭ 16 ޓަވަރުގެ، 7000 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ 3.7 ކިލޯމީތަރުގެ ދިގު ފެނުގެ މައި ނެޓްވޯކް އާއި 3.5 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް އަދި 200 މީޓަރުގެ ދިގު ޕަމްޕިންލައިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން 7000 ހައުސިން ޔުނިޓް ހިމެނޭ ސަރަހައްދުގައި ނަރުދަމާގެ ޕަންޕިންސްޓޭޝަން ބަހައްޓައި 16 ޓަވަރަށްވެސް ނަރުދަމާގެ ކަނެކްޝަން ގުޅާލާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ހައުސިން ޔުނިޓްތަކުގައި ބަހައްޓަން ޖެހޭ ފެން މީޓަރުތައް ވެސް ބަހައްޓާ ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން އަލަށް ތަރައްގީ ކޮށްފައިވާ ހުޅުމާލޭގެ 7000 ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.