އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ޑރ. މުހައްމަދު ޒާހިރު އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

ޒާހިރު އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރަން މިއަދުގެ މަޖިލީހުން ނިންމާފައިވަނީ މަޖިލީހުގައި ނެގި ވޯޓުގައި އޭނާ އައްޔަން ކުރަން ފެންނަ ކަމަށް 37 މެންބަރުން ވޯޓުންނެވެ.

ޒާހިރު މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހެވެ.

ޒާހިރަކީ ކުރިން އީސީގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޒާހިރު ލެކްޗަރާއެއްގެ ގޮތުގައި ގައުމީ ޔުނިވާސިޓީގައި ވެސް ވަނީ މަސައްކަތް ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ، މިދިޔަ ނޮވެމްބަރު މަހު 19 ގައެވެ.

އޭނާ އިސްތިއުފާ ދެއްވީ އީސީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފައި ވަނިކޮށެވެ.

އަކްރަމް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެންބަރު ކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކޭ ކަމަށެވެ.