މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލާއި އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ދަށަށް ހިނގައްޖެއެވެ.

ކަސްޓަމްސް އިން އާންމުކުރި މި ދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައި ވެއެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައި ވަނީ 2.9 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 24 ޕަސެންޓްގެ ދަށް ވުމެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އެތެރެ ކުރި މުދަލުން ދައުލަތަށް އާމްދަނީގެ ގޮތުގައި 272 މިލިއަން ރުފިޔާ ލިބިފައި ވާއިރު މި އަހަރުގެ ޖެނުއަރީ މަހު ދައުލަތަށް ލިބިފައި ވަނީ 240 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 12 ޕަސެންޓު ދަށް ވުމެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން 420 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި އިރު، މިދިޔަ މަހު އެކްސްޕޯޓް ކޮށްފައި ވަނި 316 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައި ބަލާއިރު 25 ޕަސެންޓް ދަށް ވުމެކެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައި ވަނީ ތައިލެންޑާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތަށެވެ. އެގޮތުން ތައިލެންޑަށް 32 ޕަސެންޓުގެ މުދާ ބޭރު ކޮށްފައިވާ އިރު، ޖަރުމަނަށް ވަނީ 10 ޕަސެންޓު މުދާ ބޭރުކޮށްފައެވެ. އަދި އިނގިރޭސި ވިލާތަށް ވަނީ އަށް ޕަސެންޓް މުދާ ބޭރުކޮށްފައެވެ.

މި އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ ޔޫއޭއީ، ޗައިނާ އަދި އޮމާންއިންނެވެ. އެއީ ޔޫއޭއީ އިން އެތެރެކުރި 386 މިލިއަން ރުފިޔާގެ މުދަލާއި ޗައިނާ އިން 365 މިލިއަން ރުފިޔާގެ މުދާގެ އިތުރުން އޮމާނުން އެތެރެ ކުރި 364 މިލިއަން ރުފިޔާގެ މުދަލެވެ.