ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިންގެ 2 ވާޝަންއެއް، ކުއްލި ހާލަތުގައި ބޭނުން ކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިޒުނަ ދީފިއެވެ.

ސްވިޓްޒަލަންޑްގެ ޖެނީވާގައި ހުންނަވައިގެން ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވިދާނެ ކަމުގެ އުއްމީދު އާ ކުރުމަށް އަނެއްކާވެސް އިތުރު ސަބަބެއް ލިބިފައި ވާ ކަމަށެވެ. އެގޮތުން އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިންގެ 2 ވާޝަންއެއް، އެމާޖެންސީ ލިސްޓިންގްގައި ހިމެނުމަށް ޑަބްލިއުއެޗްއޯއިން ނިންމިކަން، ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.

މިއާއެކު، ދުނިޔޭގެ ހުރިހާ މަންޒިލަކަށް އިންސާފުން ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، މި ވެކްސިންތައް ފޯރުކޮށްދިނުމުގެ މަގުވެސް ތަނަވަސް ވެގެން ދިޔައީއެވެ.

އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިންގެ ތެރެއިން ޑަބްލިއުއެޗްއޯއިން ކުއްލި ހާލަތުގައި ބޭނުން ކުރުމަށް ރުހުން ދީފައި ވަނީ، އަސްޓްރާޒެނީކާ-އެސްކޭ ބައޯއާއި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތަރައްގީ ކުރާ ވާޝަންތަކަށް ކަން ޑރ ޓެޑްރޯޒް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޑަބްލިއުއެޗްއޯއިން ފެހި ސިގުނަލް ދިން ވާޝަންތައް ތަފްސީލު ކޮށްދެއްވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، 2 ބަޔަކު އުފެއްދި ނަމަވެސް، މިއީ ހަމަ އެއް ވެކްސިނެއް ކަމަށެވެ.

އެމާޖެންސީ ލިސްޓިންގްގައި ޑަބްލިއުއެޗްއޯއިން ވެކްސިނެއް ހިމަނަނީ އޭގެ ކޮލިޓީއާއި، ރައްކާތެރުކަމާއި، ކާމިޔާބިއާ ގުޅޭ މައުލޫމާތު މުރާޖާ ކުރުމަށް ފަހުގައެވެ. މިމަހުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ މުރާޖާގެ މަސައްކަތަށް ފަހު، ޑަބްލިއުއެޗްއޯގެ ސްޓްރެޓީޖިކް ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަން (ސޭޖް) އިން ވަނީ، އުމުރުން 18 އަހަރު ފުރިފައިވާ ހަމަ ކޮންމެ މީހަކަށްވެސް އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން ބޭނުން ކުރެވިދާނެ ކަމަށް އިރުޝާދު ދީފައެވެ.

ފެބުރުއަރީ 8 ވަނަ ދުވަހު ސޭޖްއިން މިހެން ބުނިއިރު، 2 ޑޯޒްގެ ދެމެދު 8 ނުވަތަ 2 ހަފުތާ ހޭދަ ކުރުމަށްވެސް އެ ގުރޫޕުން ވަނީ އިރުޝާދު ދީފައެވެ.

އޮކްސްފޯޑް/އަސްޓްރާ ޒެނީކާގެ 2 ވާޝަންއެއް އެމާޖެންސީ ލިސްޓިންގްގައި ހިމަނާފައި ވާއިރު، ކޮވިޑް-19އިން ދިފާއުވުމަށް މި ލިސްޓުގައި ކުރިއަށް އޮތީ ފައިޒާ/ބައޮއެންޓެކުން ތަރައްގީ ކުރި ކޮވިޑް ވެކްސިނެވެ.

ޑަބްލިއުއެޗްއޯއިން ފެހި ސިގުނަލް ދިން އޮކްސްފޯޑް/އަސްޓްރާ ޒެނީކާގެ 2 ވާޝަންގެ ތެރެއިން އިންޑިއާގެ ސީރއަމް އިންސްޓިޓިއުޓް އިން ތަރައްގީ ކުރާ ކޮވިޝީލްޑް ވެކްސިނަކީ، ރާއްޖޭގެ ވެކްސިން ކެމްޕޭންގައިވެސް ބޭނުން ކުރާ ވެކްސިނެވެ. މީގެ އިތުރުން، މި ވެކްސިންގެ އިތުރު ޑޯޒްތައް ގަތުމުގެ މަސައްކަތްވެސް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.