މާލެގެ ބައެއް ސަރަހައްދު ތަކަން މިރޭ 11:00 އިން ފެށިގެން 3 ގަޑިއިރަށް ފެނުގެ ހިދުމަތް މެދު ކަނޑާލާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެން ކަނޑާލަން ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ޝަހީދު އަލީ ހިނގުމުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށެވެ.

އެގޮތުން މިރޭ 11:00 އިން 02:00 އަށް ބައެއް ގޭބަސީތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

މިރޭ ފެން ކަނޑާލާ ސަރަހައްދު ރަތް ކުލައިން ފާހަގަ ކޮށްފައި

ފެނުގެ ހިދުމަތް ކެނޑޭނެ ސަރަހައްދުތަކުގެ ތެރޭގައި ފުލޫނިޔާ ގޯޅީގައި ހިމެނޭ ހުރިހާ ގޭބަސީތަކާއި ހަވީރީހިނގުމާއި ފުލޫނިޔާ މަގާއި ދެމެދުން، ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގޭބަސީތަކެއް ހިމނޭ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 11:00 އިން ފެށިގެން 4 ގަޑިއިރަށް ހުޅުމާލެއިން ފެނުގެ ހިދުމަތް މެދު ކަނޑާލާފައެވެ.

ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން ފެން ކަނޑާލީ ވޯޓާ ޑިސްޓްރިބިއުޝަން ސިސްޓަމްގެ އަޕްގްރޭޑިން މަސައްކަތެއް ކުރުމަށް ކަމަށް އެކުންފުނިން ބުނެއެވެ.