ކޮވިޑް-19އާ ގުޅޭ ދޮގު މައުލޫމާތު ފަތުރާ ދިވެހި ވެބްސައިޓެއްގެ މައްސަލަ ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓާ އަހުމަދު ނާސިރު ވިދާޅުވީ ކޮވިޑް-19އާ ގުޅޭ ސައްހަ ނޫން ދޮގު މައުލޫމާތު ދައުރުކުރާ ވެބްސައިޓެއްގެ މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށާއި އެ ވެބްސައިޓުގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަމުން އަންނަ ކަމަށެވެ.

މީގެ އިތުތުރުން އޭނާ ވިދާޅުވީ ސިއްހީ ގޮތުން ރަނގަޅު ނޫން މައުލޫމާތު ފަތުރާ ވެބްސައިޓުތަކާއި، ފޭސްބުކް ޕޭޖުތައް ވެސް އެބަހުރި ކަމަށާއި އެފަދަ ވަސީލަތްތަކުން ފަތުރާ މައުލޫމާތު ބަލައިނުގަތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"އަމިއްލަސިއްހަތު" ނަމުގައި ހިންގާ ވެބްސައިޓަކުން ސިއްހީ ގޮތުން ދޮގު މައުލޫމާތު، އެހާ ރަނގަޅު ނޫން މައުލޫމާތު ފަތުރަމުން ދަނީ، އެކަން ފާހަގަ ކުރެވިފަ ވަނީ، އަޅުގަނޑުމެން މިކޮޅިގެ ޓީމުން މިހާރު މިދަނީ އެ ވެބްސައިޓުގެ ކަންކަން ބަލަމުން،
ނާސިރު

ކޮވިޑާ ގުޅޭ ސައްހަ ނޫން މައުލޫމާތު ދައުރުކުރަނީ "އަމިއްލަ ސިއްހަތު" ކިޔާ ވެބްސައިޓަކުންނެވެ. އެޗްއީއޯސީން އެ ވެބްސައިޓްގެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައި ވާއިރު، އެ ވެބްސައިޓުން މިފަދަ ދޮގު މައުލޫމާތުތަކެއް ފަތުރާތީ އެކަމަށް ފިޔަވަޅު ނާޅައިގެން އާންމުން ސޯޝަލް މީޑިއާގައި ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.