ކޮވިޑް-19 ގެ ތިން ވަނަ ރާޅެއް އައިސް ރާއްޖޭގެ އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ފެއިލް ވެފައިވާ ކަަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު ވިދާޅުވީ އަތޮޅުތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ފުރުސަތު ލިބުނު ނަމަވެސް އެކަން ކުރުމަށް ސަރުކާރު ފެއިލް ވެފައިވާ ކަމަށެވެ. އަދި އެކި ނަންނަމުގައި ޕްރޮޖެކްޓްތަކާއި ކޯސްފަދަ ކަންކަން ހިންގުމަށް މާލެއިން އަތޮޅުތެރެއަށް މީހުން ފޮނުވީ އެޗްޕީއޭގެ ހާއްސަ ހުއްދަ ލިބިގެން ކަމަށެވެ.
ޖަމީލް އެހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި މިހާރު ޕޮޒިޓިވްވެފައިވާ ކޭސްތަކަށް އިޝާރާތް ކުރައްވާއެވެ.
.އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އައްޑޫ ހިތަދޫ ކްލަސްޓާގައި މިހާތަނަށް 32 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ހިތަދޫ ކްލަސްޓާއާ ގުޅުންހުރި 338 މީހަކު ކޮންޓެކްޓް ގެ ގޮތުގައި ފާހަގަ ކުރެވިފައިވާއިރު، އޭގެ ތެރޭގައި ހައިރިސްކު 100 މީހަކު ހިމެނޭ ކަމަށް އެޗްއީއޯސީން ރޭ ވަނީ ބުނެފައެވެ. މީގެ އިތުރުން ފުވައްމުލަކުން 16 މީހަކު ވަނީކޮވިޑަށް ޕޮޒިޓިވް ވެފައެވެ.