ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު، އައިޝަތު މުހައްމަދު ސޯލިހްގެ ނަންފުޅު ހިޔާ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނުނީ، އޭނާއަށް ފްލެޓް ހައްގުވާތީ ކަމަށް ފަސްޓް ލޭޑީ، ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
ރައީސްގެ ކޮއްކޯފުޅަށް ފްލެޓް ލިބޭތީ، ގިނަ ބައެއްގެ ފާޑު ކިއުން ދަނީ އަމާޒު ވަމުންނެވެ. އެކަމާ އައިޝަތު ފޭސްބުކްގައި ޖެއްސެވި ސްޓޭޓަސް އަކަށް ކޮމެންޓް ކުރައްވަމުން މެޑަމް ފަޒްނާ ވަނީ އޭނާގެ ދިފާއުގައި ތެދުވެ ވަޑައިގެންފައެވެ.
އައިޝަތު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްގައި ވަނީ، އެހެން މީހުންނަށް މާތްﷲ ދެއްވަވާ ނިއުމަތްތަކަށް ހަސަދަވެރިވެ މީހުންގެ އަބުރު ވެއްޔާ މޮޑެލުމަށް މަސައްކަތް ކޮށް، ތިމާއަށް މޮޅު ގޮތްތަކާ ކުރިއެރުން ލިބޭނެ ކަމެއް ކަމަށް ދެކެނީ މޮޔައިން ނޫން ކޮންބަޔެއް ތޯ ސުވާލު ކުރައްވާފައެވެ. އަދި ހަސަދަވެރި ކަމަކީ ތިމާގެ ހަލާކު ކަމަށާޢި، އެއީ ޖަހަންނަމަޔަށް ކުރު މަގެއް ކަމަށް ވެސް އެ ސްޓޭޓަސްގައި ވެއެވެ.
އެ ސްޓޭޓަސްއަށް ކޮމެންޓް ކުރައްވާ މެޑަމް ފަޒްނާ ވިދާޅުވީ، ގާތްގަނޑަކަށް 38 އަހަރު ދުވަސް ވަންދެން ތައުލީމީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށްފަހު އައިޝަތު ސޯލިހަށް ލިބިވަޑައިގެންނެވި ފްލެޓަކީ އޭނާއަށް ހައްގު އެއްޗެއް ކަމަށެވެ. އަދި ވަކި މީހެއްގެ ކޮއްކޮއަށް ވީތީ ހައްގުން ލިބޭ ފްލެޓަކުން ޑިސްކޮލިފައި ނުވާނެ ކަމަށް ފަޒްނާ ވިދާޅުވިއެވެ. އަދި ފްލެޓް ލިބުނީ ހައްގުން ނޫން ކަމަށް ބުނުމަކީ ފާޑުކިއުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން މެޑަމް ފަޒްނާ ވިދާޅުވީ ފްލެޓް ކޮމިޓީއާ ހަވާލުވެ ހުންނެވި ބޭފުޅާގެ ނަޒާހަތްތެރިކަން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި، ނުހައްގުން ފްލެޓް ބެހުމަކީ އޭނާ ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ފްލެޓް ކޮމިޓީއާ ހަވާލު ކުރި މަސްއޫލިއްޔަތަކީ ޝުކުރު އަދާ ނުކުރެވޭނެ ވަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. ނަމަވެސް އެ ކޮމިޓީން އެ މަސައްކަތް ކޮށް ނިންމާފައިވާ ކަމަށް ވިދާޅުވެ އެކަމަނާ ވަނީ ފްލެޓް ކޮމިޓީއަށް ވެސް ތައުރީފު ކުރައްވާފައެވެ.
ރައީސް ސޯލިހްގެ ކޮއްކޯފުޅު އައިޝަތު ސޯލިހަށް ފްލެޓް ލިބިވަޑައިގެންނެވި ސިވިލް ސާވިސް ކެޓަގަރީންނެވެ. އެގޮތުން ތައުލީމީ ދާއިރާގެ ފަންނީ އަދި މެނޭޖިރިއަލް ދާއިރާއިން އޭނާއަށް ފްލެޓް ލިބިވަޑައިގެންނެވީ 90 ޕޮއިންޓާއެކުއެވެ.