ރާއްޖޭގައި މާދަމާއިން ފެށިގެން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްކުރާ މީހުންނަށް ވެކްސިން ޖަހަން ތައްޔާރުވަމުން ދާ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، މާދަމާއިން ފެށިގެން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްކުރާ މީހުންނަށް ވެކްސިން ޖަހަން ތައްޔާރު ވާއިރު މިހާރުވެސް ވެކްސިން ޖަހަމުން ގެންދާ އުމުރު ފުރާ، 45 އަހަރުން މަތީގެ މީހުންނަށްވެސް ވެކްސިން ޖަހާނެ ކަމަށެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒާއި، ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 87 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާރު ރާއްޖޭގައި ވެކްސިން ޖަހަމުންދާ އިރު ވެކްސިން ޖަހަމުން ދަނީ ސިއްހީ ދާއިރާއާއި ސޯޝަލް ވޯކަރުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުންނާއި ފުލުހުންނާއި ފަތުރުވެރިކަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މީގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި މާލޭގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުންނާއި އުމުރުން 45 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފައެވެ.

މިއަދު ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި 1902 މީހުންނާއެކު މިހާތަނަށް 27،367 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އެގޮތުން މާލެ ސަރަހައްދުން ވެކްސިން ޖަހާފައި ވަނީ 1496 މީހުންނެވެ. އަތޮޅު ތެރެއިން 406 މީހަކަށް ވެކްސިން ޖަހާފައި ވެއެވެ. މިހާތަނަށް މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 22،456 އެވެ. އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 4911 އެވެ.